ރާއްޖޭގައި މީގެ 10 ވަރަކަށް އަހަރުކުރިން ފެށިގެން ކުރިޔަށްގެންދާ މާޝަލް އާޓްސްގެ ހަރަކާތައް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ދަރަޖަ ލިބި ނޭޝަނަލް މާޝަލް އާޓްސް ޓްރެއިނިންގް ސެންޓަރ ހުޅުވަން ނިންމައިފިއެވެ.

"ވަގުތު" އާއި ވާހަކަދައްކަމުން މާޝަލް އާޓްސް އެސޯސިއޭޝަންގެ ބައެއް ކަމުގައިވާ ކޫޑޯ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އައްޝަމް އަބްދުﷲ ވިދާލ ހުކުރު ދުވަހު ބާއްވާ ހާއްސަ ހަފްލާއެއްގައި ނޭޝަނަލް މާޝަލް އާޓްސް ޓްރެއިނިންގް ސެންޓަރ ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ވަރަށް އަވަހަށް ނޭޝަނަލް މާޝަލް އާޓްސް އެސޯސިއޭޝަން ހުޅުވިގެންދާނެކަމަށްވެސް "ވަގުތު" އާއި ވާހަކަދައްކަމުން އައްޝަމް ބުންޏެވެ.

މީގެ ކުރިން ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް، މާޝަލް އާޓްސް ދަސްކޮށްދިނުމަށް ބޭނުން ކުރަމުންދާއިރު މިއީ ޖާގައިގެ ގޮތުން ދަތި އަދި މާޝަލް އާޓްސްގެ ހުރިހާ ކެޓަގަރީއެއްގެ އެތްލީޓުންވެސް ގަޑި ބަހައިގެން ފަރިތަކުރަމުން އައި ތަނެކެވެ. އެހެންނަމަވެސް ހުކުރު ދުވަހު ބާއްވާ ހާއްސަ ހަފްލާގައި ހުޅުވިގެންދާ މާޝަލް އާޓްސް ޓްރެއިނިންގް ސެންޓަރގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އައްޝަމް ވަނީ ބުނެފައެވެ.

އަދި މިއީ ފެށުމެއް ކަމަށާއި މިކަމުގެ ސަބަބުން މާޝަލް އާޓްސްގެ ގައުމީ ޓީމު ތަކެއް އުފެދި އެޓީމް ތަކަށް ފޯކަސް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.އަހަރުން

ހަތަރު އަހަރުންމަތީގެ 300 އަށްވުރެ ގިނަ އެތްލީޓުން ތަމްސީލު ކުރާ މިއެސޯސިއޭޝަނަށް ފަރިތަކުރުންތައް ބާއްވާނެ ތަނެއް ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހަމަޖެހުނު ނަމަވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތު ހުރިގޮތުން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނުކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިން ތަކާއި އެއްގޮތަށް ކްލާސްތައް ކުރިއަށް ގެންދިޔަ ކަމަށް އައްޝަމް ވަނީ މައުލޫމާތު ދީފައެވެ.

ލައިސެންސްޑް ގިނަ ދިވެހި އިންސްޓްރަކްޓަރުން ތަކަކާއި އެކު ހިންގޭ މިއެސޯސިއޭޝަންގެ ކުރިއަށް ހާސިލްކުރަން ހުރި ލަނޑުދަނޑިތަކަކީ ރާއްޖޭގެ ބެނާގެ ދަށުގައި ބައިނަލްއަގްވާމީ މުބާރާތްތަކެއްގައި ބައިވެރިވެ ކާމިޔާބީތަކެއް ހޯދުން ކަމަށާއި އަތޮޅުތެރޭގެ ރަށްތަކަށް މާޝަލް އާޓްސް ފުޅާކޮށް ކުރިއެރުވުންތައް ކަމަށް "ވަގުތު" އާއި ވާހަކަދައްކަމުން ޖަޕާނުން ތަމްރީނު ފުރިހަމަ ކުރުމަށްފަހު 6 އަހަރު ވަންދެން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އައްޝަމް ވަނީ ބުނެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކުޅިވަރާ ބެހޭ ވުޒާރާއިން އެއްވެސް އަގަކާއި ނުލާ ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް، މާޝަލް އާޓްސް ދަސްކޮށްދިނުމަށް ދޫކުރިއިރު އެތަނުގައި މާޝަލް އާޓްސް ކިޔަވައިދިނުމުގެ ތިއަރީ ކުލާސްތަކާއި، ޕްރެކްޓިކަލް ސެޝަންތައް ހިންގުމާއި އަދި އެކަމާއި ގުޅޭ އިމްތިހާންތަކާއި، މާޝަލް އާޓްސްގެ އެކިއެކި ހުނަރު ދައްކާ ޕްރޮގްރާމުތަކާއި، މުބާރާތްތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އަލަށް މިހުޅުވޭ ޓްރެއިންގް ސެންޓަރުގެ ސަބަބުން ކުރިއަށް އޮތްތަކުގައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި މާޝަލް އާޓްސްއިން ރާއްޖެ ތަމްސީލުކޮށް ކާމިޔާބީތަކެއް ހޯދާނެ ގިނަ އެތްލީޓުންތަކެއް އުފެދުމުގެ ފުރުސަތު ފަހިވެގެން ދެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯކިބާ

    މާލެތެރޭ ކަންމައްޗަކުން ދެމީހަކު އެއްވެލިއަސް "ގައުމީ" މިހެންކިޔައިގެން ހަޒާނާއިން ބަލަދު އެރުމަކީ އަލަށް ހިނގާ ކަމެއްނޫން. ތިޔަހެން "ގައުމީ" ޓެނިހޭ ކިޔައިގެންވެސް މާލެތެރޭ ގުރޫޕަކަށް ދައުލަތުގެ ފައިސާ ހަރަދުކުރާތާ 50 އަހަރުވެއްޖެ، ރާއްޖޭގެ އެހެން ރަށެއްގަ ކޯޓުގަނޑެއް ހިސާބުވެސް ނެތް، އެކަމަކު "ގައުމީ".

    2
    1