ޓީމުގެ ހާލަތު މިވަގުތު ދަަށްވެ މައްސަލަތަކެއްވެސް އެބަހުރިކަމަށާއި އެހެންނަމަވެސް މަރު ދުވަހާއި ޖެހެންދެންވެސް ރެއާލްގެ މުޅި ސްކޮޑުވެސް އެޓީމުގެ ކޯޗް ޒައިނެއްދީން ޒިދާން އާއިއެކު ވާނެކަމަށް ރެއާލް މެޑްރިޑުގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ ކާވަހާލް ބުނެފިއެވެ.

ސްޕެއިންގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކާވަހާލް ބުނީ މިސީޒަނުގެ މެޗުތަކުގައި ރެއާލްގެ މުޅި ޓީމުންވެސް ނެރެމުންދަނީ ދަށް ނަތީޖާތަކެއް ކަމަށާއި އެކަމުގެ ސަބަބުން ޓީމުގެ އިސް މެނޭޖްމަންޓާއި ކޯޗާއި މެދު މައްސަލަތަކެއް އުފެދިދާނެކަން ގަބޫލް ކުރާކަމަށެވެ. އެހެންނަމަވެސް ޓީމުގެ ހުރިހާ ކުޅުންތެރިންގެ އިތުރުން ކޯޗިންގް ސްޓާފުގެ ފުރިހަމަ އިތުބާރު ޒިދާންއަށް އޮބެތް ކަމަށާއި ޒިދާންގެ ފަހަތުގައި މިހުރިހާ އެންމެން ތިބޭނެ ކަމަށްވެސް ކާވަހާލް ވަނީ ބުނެފައެވެ.

އަނިޔާގެ ސަބަބުން ގިނަ މެޗުތަކަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ ކާވަހާލް އިތުރަށް ބުނީ ޒިދާންއާއި މެދު ޝައްކުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި ޒިދާންގެ އިރުޝާދުގެ ދަށުން ދެފަހަރަށް ލީގުގެ ތަށި ހޯދާ ޗެމްޕިއަންސް ލީގުގެ ތަށި ތިން ފަހަރަށް ރެއާލްއިން ހޯދިކަން ހަނދާނުގައި ބަހައްޓަން ޖެހޭކަމަށެވެ.

މީގެއިތުރުން އޭނާ ބުނީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މޮޅު ފުޓުބޯޅަ ކްލަބުގެ ކުޅުންތެރިންނާއި ކޯޗުގެ ފަރާތުންވެސް ކޮންމެ މީހަކުވެސް އުންމީދުކުރާނީ އެންމެ މަތީ ނަތީޖާކަމަށާއި ކިރިޔާވެސް ގޯހެއް ހެދިއްޖެނަމަ އެކަމުގެ ވާހަކަ އެކި ގޮތްގޮތަށް ދައްކާނެކަމަށެވެ. އަދި މިއީ މާބޮޑަށް ހާސްވެ ފުން ވިސްނުންތަކަކަށް ދާން ޖެހޭ ކަމެއް ނޫންކަމަށާއި ރެއާލްގައި މަދު ދުވަސްކޮޅެއް މަޑުކޮށްލާ މީހަކަށްވެސް މިކަން ވަރަށް އަވަހަށް ދަސްވާނެ ކަމަށެވެ.

ޒިދާންގެ ދިފާއުގައި ކާވަހާލް ވާހަކަދައްކާފައިވާއިރު ރެއާލްގެ މެނޭޖްމަންޓުން ޒިދާން މަގާމުން ދުރުކޮށް އެޓީމު އަދި ސްޕެއިންގެ ލެޖެންޑް ރައުލް ގޮންޒާލޭޒް ނުވަތަ ޓޮޓެންހަމްގެ ކުރީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނިއޯ ރެއާލްގެ ކޯޗުކަމުގެ މަގާމަށް އައްޔަނުކުރަން އުޅޭކަމުގެ އަޑުތަކެއްވެސް މީގެ ކުރިން ވަނީ ބޭރުގެ މީޑިއާތަކުގައި ފެތުރިފައެވެ.