ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހދ.ކުމުންދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ފެށި "ކޭވައިއެސް ވުމެންސް ފުޓްސަލް ލީގް 2020" ގެ ތަށިި ސީއެސް ވިމެން ހޯދައިފިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ސީއެސް ވިމެން ހޯދީ ފައިނަލުގައި ސަންދިޔަ އާއި ވާދަކޮށް 5-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގައި ޖެހި ފަސް ގޯލުގެ ތެރެއިން ދެ ގޯލަކީ ސަންދިޔަ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލުތަކެކެވެ. ސީއެސް ޓީމުގެ ދެން ހުރި ގޯލުތައް ޖަހައިދިނީ ސާއިދާ މޫސާ އާއި ރާއިސާ މޫސާގެ އިތުރުން ޝަހުލާ އާދަމް އެވެ. ފައިނަލް މެޗަށްފަހު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ފެއާޕްލޭ ޓީމާއި ކުއީން އޮފް ދަ ޓޯނަމަންޓް ވަނީ ހޮވާފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ސީއެސް ގެ ގޯލްކީޕަރު ސަލްމާ ހަސަން އާއި ސަންދިޔަ ޓީމުގެ ރާޝިދާ މޫސާ އާއިި ޒީރު ސްޓާސްގެ ހަނީފާ އަބްދުﷲ އާއި ޓާފް ކުއީންގެ ސަހީީމާ ހަސަންގެ އިތުރުން ސީއެސް ވިމެންގެ ޝަހުލާ އާދަމެވެ. މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމަންޓަށް ހޮވުނީ ޝަހުލާ އާދަމެވެ.

މުބާރާތުގެ ރަނަރަޕް ސަންދިޔަ ޓީމު

ޖުމްލަ ފަސް ޓީމާއެކު މި މުބާރާތް ކުރިއަށްދިޔައީ ނޮވެމްބަރު 3 އިން 11 އަށެވެ. މި މުބާރާތަކީ ހަމައެކަނި ކުމުންދޫ ކަނބަލުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްދާ މުބާރާތެކެވެ. ކުމުންދޫ ފުޓްސަލް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މަންނާމް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އެވެ.