ފްރީސްޓައިލް އަކީ ބޯޅައެއް ބޭނުންކޮށް ތަފާތު ހުނަރުތަކެއް ދައްކާ އެތައް ބަޔަކު މިކުޅިވަރުގެ ތެރެއަށް ވައްދަމުންދާ ކުޅިވަރެކެވެ. ރާއްޖޭގައި މީގެ 10 ވަރަކަށް އަހަރު ކުރިން މިކުޅިވަރު ފެށިގެން އައިނަމަވެސް އޭގެ އެތައް އަހަރުތަކެއް ކުރިން ބޭރު ދުނިޔޭގެ އެތައް ގައުމެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި މިކަން ކުރަމުން ދެއެވެ.

މިކުޅިވަރުގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ފިރިހެން އެތްލީޓުންނާއި އެއް ހަމައެއްގައި އަންހެން ފްރީ ސްޓައިލް އެތްލީޓުންތަކެއް ފައިހަމަ ކުރަމުން ދިއުމެވެ. ލީސާ ޒިމޮއުޗް ފަދަ އަންހެން ފްރީ ސްޓައިލަރުން މިކުޅިވަރުގެ ނަން މަޝްހޫރު ފިރިހެން އެތްލީޓުންނާއި އެއް ހަމައެއްގައި ނުވަތަ އެއަށްވުރެވެސް މަތިން ނަންކިޔާލެވުމަކީ ކައިރި މުސްތަގުބަލެއްގައި މިކުޅިވަރުގެ މަގުބޫލުކަން ދުނިޔޭގައި ވަރަށް ބޮޑަށް އިތުރު ވެގެންދާނެ ކަމުގެ ހެއްކެކެވެ.

ރާއްޖޭގައި އަދި މިކުޅިވަރުގެ މަގުބޫލުކަން އެހާ ބޮޑު ކަމުގައި ނުވިނަމަވެސް މިކަމަށް ހާއްސަކޮށްގެން ބާއްވާ މަދު މުބާރާތެއްގައި ރާއްޖޭގައިވެސް ފްރީ ސްޓައިލް ފުޓުބޯޅައިގައި ކާމިޔާބު މުސްތަގުބަލެއް ބިނާކުރެވިދާނެ އެތައް ޒުވާނުންތަކެއް ތިބިކަން ވަނީ ހާމަވެގެން ގޮސްފައެވެ. އެގޮތުންވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ފަރާތަކީ ރާއްޖޭގައި ބޭއްވުނު ރެޑްބުލް ސްޓްރީޓް ސްޓައިލްގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ މުހައްމަދު ސައިފް ޒާހިރު (ސުޕަމޭން) އެވެ.

މުހަންމަދު ސައިފް ޒާހިރު - އެޗްއާރު އޮފިސަރަކުން ރާއްޖޭގެ ނަން މަޝްހޫރު ތަރިއަކަށް

މުހަންމަދު ސައިފް ޒާހިރު - ފޮޓޯ: ސައިފްގެ އިންސްޓަގްރާމް

ސްކޫލް ނިންމުމަށްފަހު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އެޗް އާރުގައި މަސައްކަތް ކުރަންފެށި ސައިފްގެ މަސައްކަތުގެ ދާއިރާއަށް ބޮޑު ބަދަލްތަކެއް އަންނަންފެށީ 2010 ވަނަ އަހަރު ބޭއްވި ރެޑްބުލް ސްޓްރީޓް ސްޓައިލްގެ ޗެމްޕިއަންކަން ހޯދި ހިސާބުންނެވެ. ދެފަހަރު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ފްރީ ސްޓައިލް ދުނިޔޭގައި "ސުޕަމޭން"ގެ ނަމުން އޭނާ މަޝްހޫރުވެގެން ދިޔައެވެ. ފްރީ ސްޓައިލް އަށް ޝައުގުވެރިކަން އުފެދުނު ގޮތް "ވަގުތު" އާއި ހިއްސާ ކުރަމުން ސައިފް ބުނީ އެ ހުނަރު ދަސް ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯގެ ޗަރުކޭސް ވީޑިއޯތައް ބަލައިގެން ކަމަށެވެ.

ސައިފް ޕްރޮގްރާމެއް ހުށަހަޅަނީ - ފޮޓޯ: ސައިފްގެ އިންސްޓަގްރާމް

ސުޕަމޭންގެ ނަމުގައި ފްރީ ސްޓައިލް ދުނިޔޭގައި ކާމިޔާބު އަހަރުތަކަކަށް އުދުހުމަށްފަހު 2011 ވަނަ އަހަރުގެައި ހަބޭސް ބޮޑުބެރު ގްރޫޕް އުފެދިގެން އައިއިރު ސައިފް ބޮޑުބެރުގެ ތެރެއަށް ވަދެ، އިތުރަށް މަގުބޫލުކަން ހޯދިއެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ މެދު ތެރެއާއި ހަމައިން ދިރިއުމެއް ފައްޓާ އަންހެނުން ބަނޑުބޮޑުވި ހިސާބުން އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ބޮޑު ބެރާ ތަންކޮޅެއް ދުރަށް ޖެހިލާ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ސައިފް ކުރިއަށްދާން ފެށިއެވެ. ޓީވީއެމް އިން ލިބުނު ފުރުސަތެއްގައި އޭނާ މިދާއިރާއަށް ޝައުގުވެރިވެ ރާއްޖޭގެ އެންމެ ފުންނާބު އުސް ޕްރެޒެންޓަރުންގެ ތެރޭގައިވެސް އޭނާގެ ނަން މިހާރު ފާހަގަކޮށްލެވިގެން ދެއެވެ.

ރާއްޖޭގައި ފްރީ ސްޓައިލް ކުރިއެރުވުމަށް "ސުޕަމޭން"ގެ އަމިއްލަ ބްރޭންޑެއް

ސައިފް އޭނާގެ ބްރޭންޑް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ސައިފްގެ 30 ވަނަ އުފަންދުވަހާއި ދިމާކޮށް ލޯންޗްކުރި މި ބްރޭންޑަށް ނަންދެވިފައިވަނީ އޭނާގެ ފުރިހަމަ ނަން މުހައްމަދު ސައިފް ޒާހިރުގެ ނަމުންނެވެ. މި ބްރޭންޑް ލޯންޗް ކުރީ މާފަންނު ޔޫތް ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ހަފްލާގެ ޝަރަފުވެރި މެހެމާން ކުޅިވަރާބެހޭ ވުޒާރާގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަހްމަދު އިރާޝްއެވެ.

"ވަގުތު" އާއި ވާހަކަދައްކަމުން ސައިފް ބުނީ މީގެ ދެމަސްކުރިން ފެށިގެން ފްރީ ސްޓައިލް ދަސްކޮށްދިނުމަށް ކްލާސްތަކެއް ކުރިއަށް ގެންދެވޭކަމަށާއި ބްރޭންޑެއް އުފައްދާ ބްރޭންޑްގެ ދަށުން ރާއްޖޭގައި ފްރީ ސްޓައިލް ކުރިއެރުވުމަށް ބޭނުންވީ ރަޖިސްޓަރޑް އެކަޑަމީއެއް ތައާރަފްކޮށް ރަސްމީކޮށް މިކަމަށް ހާއްސަ ފަރާތެއްގެ ދަށުން ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މިހާރުވެސް 15 ވަރަކަށް ކުދިންނާއި އެކު ފްރީ ސްޓައިލް ދަސްކޮށްދިނުމަށް ކްލާސްތަކެއް ކުރިއަށް ގެންދެވޭކަމަށް އޭނާ ވަނީ ބުނެފައެވެ.

"ބްރޭންޑެއް އުފައްދާ މި ބްރޭންޑުގެ ދަށުން ތަމްރީނު ކްލާސްތަކެއް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ، އަމިއްލައަށް ފްރީ ސްޓައިލް ކުރަން ދަސްކޮށް، މުބާރާރާތްތަކުގައި ބައިވެރިވެ އުޅުނީ އެހެން ބައެއްގެ އެހީތެރިކަމަކާއި އެކުގައެއް ނޫން. މިކަމުގައި 10 ވަރަކަށް އަހަރު ހޭދަކުރިއިރުވެސް މިކަންކުރުމަށް ބައެއްގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުލިބި މިކަން ކުރިއެރުވުމަށް އެއްވެސް ބަޔަކު މަސައްކަތްތަކެއް ކުރަމުންދާތަން ފެނިގެން ނުދޭ. އެކަމަކު މިހާރު ޒުވާނުންނާއި ކުޑަކުދިންގެ ފަރާތުންވެސް ފްރީ ސްޓައިލިންގް އަށް ޝައުގުވެރިކަން ފާޅު ކުރަމުން ދާތަން ފެންނާތީ ބޭނުންވީ މިފަދަ ފަރާތްތަކެއް އެހީތެރިކަމެއް ފޯރުކޮށްދީ ރަނގަޅު ގޮތުގައި މިފަރާތްތައް ތަމްރީނު ކުރެވޭނެ ގޮތެއް ހަމަޖައްސަން." ރާއްޖޭގެ ފްރީ ސްޓައިލް ކިންގް ގެ ގޮތުގައި ގިނަބަޔަކުދެކޭ ސައިފް ބްރޭންޑެއް އުފެއްދުމުގެ މަގުސަދާއި ބެހޭގޮތުން ވާހަކަދައްކަމުން ބުނެޏެވެ.

މީގެއިތުރުން ސައިފް ބުނީ މިވަގުތު އައުޑް ޑޯ ދަނޑުތަކެއްގައި އެކަނި ކްލާސްތަކެއް ހިންގިނަމަވެސް އެކަޑަމީ ރަސްމީކޮށް ހުޅުވުމުން ކުރިއަށް އޮތްތަނުގައި އިތުރު ކޯޗުންނާއިއެކު މިކްލާސްތަކަށް އެންމެ އެކަށީގެންވާ އިންޑޯ ޓްރެއިނިންގް ހޯލްއެއް ހުޅުވަން ރާވާފައިވާކަމަށެވެ. އަދި ރޭ ބްރޭންޑް އިފްތިތާހު ކުރެވުނަސް ފެށޭ އަހަރުގެ ޖެނުއަރީ މަސްތެރޭގައި ތަފާތު އާ ކަންތައްތަކެއް އެކަޑަމީގެ ފަރާތުން އިއުލާން ކުރާކަމަށެވެ. އަދި މިކަން ކުރިއެރުވުމުގެ ގޮތުން ބޮޑެތި ޕްލޭންތަކެއް ރާވާފައި އެބަހުރިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކުރިންވެސް ފުޓުބޯޅައިގެ ތަންކޮޅެއް އިސް ފަރާތްތަކަކާއި އެކު މިފަދަ އެކަޑަމީއެއް ގާއިމްކުރަން މަސައްކަތް ކުރިކަމަށާއި އެހެންނަމަވެސް މިފަހަރު މިކަން ޕްލޭންކޮށް ކުރިއަށް މިގެންދަނީ އަމިއްލަ އިސްނެގުމުގެ ދަށުން އަމިއްލަ މަސައްކަތުން ކަމަށް ސައިފް ވަނީ ބުނެފައެވެ. މީގެ ކުރިން ފްރީ ސްޓައިލް މުބާރާތުގައި ވާދަކޮށް ބައިވެރިއެއްގެ ހައިސިއްޔަތުން ކުރިއަށްދާން ނިންމިނަމަވެސް މިހާރު ދެން ބޭނުންވަނީ މިދާއިރާއަށް ހިދުމަތް ކުރާ ކޯޗެއްގެ ހައިސިއްޔަތުން ހުންނަން ކަމަށް ސައިފް ވަނީ ބުނެފައެވެ.

ކުރީގެ މުބާރާތްތަކުގައި ސަައިފް މެން ވާދަކުރިއިރު މަދުފަހަރެއްގައި ނޫނީ ޕާފޯމް ކޮށްލުމުގެ ފުރުސަތުވެސް އަދި މުބާރާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް މަދުން ނޫނީ ނުލިބޭކަމަށާއި އެހެންކަމުން ދެން ބޭނުންވަނީ އެކަޑަމީގެ ފަރާތުން މިއެކަޑަމީގައި ބައިވެރިވާ ކުދިންގެ މެދުގައި ހާއްސަ މުބާރާތްތަކެއް ބާއްވާ ވާދަވެރި މާހައުލެއްގައި މިކަން ކުރެވޭނެ އިންތިޒާމެއް ކުދިންނަށް ހޯދައިދޭން ކަމަށް ސައިފް ވަނީ ބުނެފައެވެ. އަދި އެކަޑަމީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި ސައިފް އާއި ގުޅައިގެންވެސް އެންރޯލް ވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ސައިފް ވަނީ ބުނެފައެވެ.

ސައިފްގެ ފޭސްބުކް ޕްރޮފައިލް.

ސައިފްގެ އިންސްޓަގްރާމް ޕްރޮފައިލް.

ދުރުރާސްތާ ޕްލޭނަކާއި އެކު މުޅިން އާ ޗެލެންޖަކާއި ސައިފް ކުރިމަތިލި އިރު ހަމަގައިމުވެސް އެހީތެރިކަން ބޭނުންވާނެއެވެ. މިކަން ކުރިއެރުވުމަށް ވަކި ފަރުދަކު ބުރަ މަސައްކަތްތަކެއް ކުރަމުން ދާއިރު އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތަކުން އެކަން ކޮށްދިނުން ވެގެންދާނީ އުޖާލާ މުސްތަގްބަލެއް އޮތް މި ކުޅިވަރަށް އަވަސް މުސްތަގުބަލެއްގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަކަށެވެ. ސައިފް ބުނިގޮތުގައި މިއީ މުޅިން އާކަމެއް ކަން ގަބޫލް ކުރާކަމަށާއި އެހެންނަމަވެސް ފުޓްސަލް އަކީވެސް މީގެ ޒަމާންތަކެއް ކުރިން ވަރަށް އާ ކުޅިވަރެއްގެ ގޮތުގައި އޮތް އެއްޗެއް ނަމަވެސް މިހާރު އެތައް ބައެއްގެ އެހީތެރިކަމާއި އެކު މިހާރު އެންމެ ގިނަބަޔަކު ކުޅޭ އެއް ކުޅިވަރަކަށް ފުޓްސަލް ވަނީ ވެފައެވެ. އަދި ފްރީސްޓައިލް އަކީ ފުޓްސަލް އަށްވުރެވެސް ފުޅާ އިތުރު ގޮފިތަކެއްވެސް މީގެތެރޭގައި އޮތް ކުޅިވަރެއް ކަމުގައިވުމުން ކިތަންމެ ކުޑަ އެހީތެރިކަމެއްވާ ފަރާތަކަށްވެސް މިކަން ކުރިއެރުވުމަށް ބޮޑު ހިއްސާދާރަކަށް ވެވިދާނެ ކަމަށެވެ. އެގޮތުން އަތޮޅު ތެރެއަށް މިކަން ފުޅާކުރުމަށް ރަށްރަށުގައި މިކަމަށް ހާއްސަ ގްރައުންޑް ތަކެއް ބަޔަކު އަޅާދީފިނަމަވެސް އެރަށެއްގައި މިކުޅިވަރު ކުރިއެރުވުމަށް ސައިފްގެ ބްރޭންޑުން ހުރީ ތައްޔާރަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސައިފްގެ ބްރޭންޑުގެ އޮފިޝަލް ލޯގޯ

ސައިފްގެ މި ބްރޭންޑުގެ ލޯގޯ ފަރުމާ ކޮށްދީފައިވަނީ ބޮހީމިއަން އެވެ. ސައިފް ވަނީ އެކަމަށްޓަކައި ބޮހީމިއަން އަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.

ރޭގެ ރަސްމިއްޔާތުގައި ސައިފް ވަނީ އޭނާގެ ދެ ބްރޭންޑް އެމްބެސެޑަރަކާއެކު ވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެގޮތުން ބްރޭންޑުގެ ގްރޫމިން ޕާޓްނަރެއްގެ ގޮތުގައި އަލްފާ ޑެން އާއިއެކު ސޮއެކުރިއިރު ކިޓް ޕާރޓްނަރެއްގެ ގޮތުގައި ސޮއެ ކުރީ ކެޕްޓަން މޯލްޑިވްސް އާއިއެކުއެވެ. އަދި ސައިފް ބްރޭންޑްގެ އޮފިޝަލް ފޮޓޯގްރާފަރެއްގެ ގޮތުގައި ޝަމުއްކޮ ފޮޓޯގްރަފީ އާއިއެކުވެސް ވަނީ ސޮއެކޮށްފައެވެ.

ގިނަ ގޮންޖެހުންތަކަކާއި އެކުވެސް އުންމީދެއް އޮވެ، ވަރުގަދަ އަޒުމަކާއި އެކު ސައިފް ދެކުނު ހުވަފެން ހަގީގަތަކަށް ހެދުމަށް މިއެޅި ބިންގަލާއެކު ފްރީ ސްޓައިލް ފުޓުބޯޅައިގެ ހުނަރުތައް ދަސްކުރަން ބޭނުންވެފައި ތިބި އެތައް ޒުވާނުންނާއި ކުޑަކުދިން ތަކަކަށް ސައިފް ވެގެން ގޮސްފައި މިވަނީ އޭނާގެ ވަނަން "ސުޕަމޭން" އެކޭ އެއްފަދަ ސުޕަރ ހީރޯއަކަށެވެ. ކަމެއް ހާސިލްކުރަން ބޭނުންނަމަ ގަދަ ހިތްވަރާ އިހުލާސްތެރިކަމާއި އެކު މަސައްކަތް ކުރުމުން ހާސިލް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން ސައިފް މިވަނީ ސާބިތުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ހަބޭސް

    17
    4
  2. މަނޫ

    ސައިފުގެ ތި ފްރީސްޓައިލްގެ މޮޅުކަން ދައްދާ މިއުޅޭ ފަހާ ސޭންޑީ އަށް

    5
    2
  3. ސާދު

    މީ ހިތުން މިވަރެއް ނެތިގެން އުޅޭ ގޮލައެއް. މަށްހޫރުވާނަ މީނަ ކޮއްފާނެ ކޮންމެ ފަދަ ކަމެއްވެސް.