މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ހިންގާ ގަވައިދުގެ ދަށުން މިދިޔަ އަހަރުގައި އުފެއްދި އެތުލީޓްސް ކޮމިޝަނަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ކާމިޔާބު ފެތުންތެރިޔާ އައިމިނަތު ސަޖަން ހޮވި ރާއްޖޭގެ ކުޅިވަރުގެ ތާރީހުން މިދެ އެތްލީޓުން ޖާގަ ހޯދައިފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ދެން އޮންނަ ޖެނެރަލް އެސެމްބްލީގައި ގިނަ ބާރުތަކަކާއި އެކު އުފެއްދި އެތުލީޓްކްސް ކޮމިޝަނުގެ ފަރާތުން ސާއިދުއާއި ސަޖަން ބައިވެރިވާއިރު މިދެކުޅުންތެރިން ވެގެންދާނީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެތުލީޓްސް ކޮމިޝަން ތަމްސީލު ކުރާ މަންދޫބުންގެ ގޮތުގައި އެމްއޯސީގެ ޖަލްސާއެއްގައި ބައިވެރިވާ ފުރަތަމަ ދެ އެތުލީޓުންނަށެވެ.

ކުޅިވަރުގައި ބަސްބުނުމުގެ ހައްގު ކުޅުންތެރިންނަށް ލިބި ކުޅުންތެރިންގެ ދައުރު އިތުރަން ފުޅާކުރުމަށް މިދިޔަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް އެސެމްބްލީގައި އެތްލީޓްސް ކޮމިޝަނެއް އުފެއްދުމަށް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީއިން ފާސްވެގެންދިޔަ ކަންތައްތައް އޮލިމްޕިކްސް ކޮމިޓީގެ ގަވައިދުގައިވެސް ހިމެނަން ޖެހުނު ކަމަށާއި އެގޮތުން ހިމެނުނު އެއް ކަމަކީ އެތުލީޓްސް ކޮމިޝަންއެއް އުފެއްދުން ކަމަށެވެ. އަދި ކޮމިޝަންގެ ސަބަބުން ރާއްޖޭގެ އެތްލީޓުންނަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެކަމަށެވެ.

އެތުލީޓުންގެ ބަސް އިއްވާ އެތްލީޓުންގެ ހައްގުގައި ވަކާލާތު ކުރުމަށް ރާއްޖޭގައި އެންމެ ކާމިޔާބު ދެއެތުލީޓުން އައްޔަންވެގެން ދިޔުމަކީ ރާއްޖޭގެ ކުޅިވަރަށް ބޮޑެތި ހެޔޮ ބަދަލްތަކެއް ގެނެވިގެންދާނެ ކަމަށް ބެލެވޭ މުހިންމު ނިންމުމެކެވެ.