ފުރަތަމަ ޑިވިޝަނުގައި މިއަހަރު އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ޖަޕާންގެ ޑިފެންޑަރު އިއުސޫކް މޮހްރީ ސޮއިކޮށްފިއެވެ.

މޮހްރީ ވަނީ މީގެކުރިންވެސް ރާއްޖޭގައި ކުޅެފައެވެ. އެގޮތުން އޭނާ ވަނީ މީގެ ދެ އަހަރުކުރިން ދެވަނަ ޑިވިޝަނުގައި ޖޭޖޭ ސްޕޯޓްސް ކުލަބުގައިވެސް ކުޅެފައެވެ.

ފުރަތަމަ ޑިވިޝަނުގެ ކޮންމެ ޓީމަކަށްވެސް އޭޝިއާގެ ކުޅުންތެރިއެއް ހިމަނަން ޖެހެއެވެ. އެގޮތުން މިހާތަނަށް އައި އިރު ގިނަ ޓީމުތަކުން ވަނީ ފުރަތަމަ ޑިވިޝަނަށް އޭޝިއާގެ ކުޅުންތެރިން ހޯދާފައެވެ. ސަސްއަށް ބަލާއިރު އެ ޓީމަށް ވަނީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޓީމެއް އެކުލަވާލާފައެވެ. އަދި އެ ޓީމުގެ ފަރިތަކުރުންތައް ވެެސް ވަނީ ފަށާފައެވެ.

މޮހްރީ ވަނީ ލާއޮސްގެ ފުރަތަމަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ލާއޯ ޓޮޔޯޓާ އަށްވެސް ކުޅެފައެވެ. އޭނާ އެންމެފަހުން ކުޅެފައިވަނީ އަރުމީނިއާގެ ޓީމެއް ކަމަށްވާ ޓޯޕެޑޯ އަށެވެ.

އާ ސީޒަނަށް ތައްޔާރުވާ ސަސްއަށް ވަނީ ވަރުގަދަ އަދި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ސޮއިކޮށްފައެވެ. އޭގެތެރޭގައި ޓީސީގެ ކެޕްޓަންކަން ކުރި އަހުމަދު ފައްރާހް (ފައްރަ) އާއި ރާއްޖޭގެ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައިވާ ޝާފިއު އަހުމަދު (ޝާފީ)އާއި އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. އަދި އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެ އަހުމަދު އަޝްފާން ވެސް ސަސް އިން ފެންނާނެއެވެ.

ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. އަދި އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ)އެވެ. ގޯލްކީޕަރު ޓްރެއިނަރ އެއްގެ ގޮތުގައި މަސައްކަތްކުރާނީ ހަސަން ހަމީދު (ޑަކޭ) އެވެ.