އިނގިރޭސި ވިލާތުގެ މެންޗަސްޓަރ ޔުނައިޓެޑުގައި ހުރުމުގެ ސަބަބުން އެޓީމަށް ކުޅޭ ފްރާންސްގެ ތަރި ޕައުލް ޕޮގްބާއަށް ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާކަމަށް ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.

2016 ވަނަ އަހަރު އޭރުގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ޔުނައިޓެޑަށް ސޮއެކުރި ޕޮގްބާއަށް އަނިޔާގެ ސަބަބުންނާއި، ބަލިވުމާއި ފިޓްނަސްގެ މައްސަލަތަކަކާއި ކުރިމަތިވެ ވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަސްތެރޭގައި ޔުނައިޓެޑުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި ޔުނައިޓެޑުގެ ފުރަތަމަ 11 އިން ފުރުސަތު ލިބުންވެސް ފަހަކަށް އައިސް ވަރަށް ބޮޑުތަނުން ވަނީ މަދުވެފައެވެ.

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ފިންލޭންޑު އަތުން 0-2 އިން ބަލިވި މެޗަށް ފަހު ޕޮގްބާ އާއި ބެހޭގޮތުން ވާހަކަދައްކަމުން ޑެޝޯމްޕް ބުނީ ޕޮބްގާ މިވަގުތުގައި ހުރީ އޭނާގެ އެންމެ ރަނގަޅު ފޯމުގައި ނޫންކަމަށާއި މެޗުފެށުމުގެ ކުރިންވެސް އެކަން އިނގޭ ކަމަށެވެ.

"މިހާލަތުގައި ޕޮޒިޓިވްކޮށް ވިސްނަން ދަތި، ހަމަ ގައިމުވެސް މިހާރު އެފެންނަނީ ޕޮގްބާގެ އަސްލު ކުޅުމެއް ނޫން". ޕޮގްބާއަށް މެޗުތެރޭގައި ސަމާލުކަން ދިނުމަށް ދަތިތަކެއް ހުރިކަން ހާމަކޮށްދެމުން ޑެޝޯމްޕް ބުންޏެވެ.

ފްރާންސް އާއިއެކު ވޯލްޑް ކަޕްގެ ތަށިވެސް އުފުލާލާފައިވާ ޕޮގްބާ އާއި ބެހޭގޮތުން ވާހަކަދައްކަމުން ޑެޝޯމްޕް އިިތުރަށް ބުނީ ކެރިއަރުގެ ވަރަށް ޅަފަތުގައި ޕޮގްބާއަށް މިވަނީ އެހެންކުޅުންތެރިންގެ ކެރިއަރުގެ ފަހުކޮޅު ދިމާވާ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިކަމަށެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް މި ގޮންޖެހުމުން ސަލާމަތްވެ އަސްލު ޕޮގްބާ އެނެމެނަށްވެސް ފެނިގެންދާނެ ކަމާއިމެދު ޝައްކު ނުކުރާކަމަށާއި އެހެންނަމަވެސް މިވަގުތު ޕޮގްބާގެ ފިޓްނަސް ހުރި ލެވެލްއަށް ބަލާ މިރޭ ޕޯޗުގަލްއާއި ދެކޮޅަށް ފްރާންސް ނުކުންނަ މެޗުގައި އޭނާއަކީ މެޗުގެ ފުރަތަމަ 11 އިން ޖާގަހޯދާނެ ކުޅުންތެރިއެކޭ ނުބުނާނެ ކަމަށްވެސް ޑެޝޯމްޕް ވަނީ ބުނެފައެވެ.

ޔުނައިޓެޑުގެ ޔޫތް ޓީމުގައި ހުރުމަށްފަހު ޕޮގްބާ އޭނާގެ ސީނިއާ ކެރިއަރު 2011 ވަނަ އަހަރު ފެށީވެސް ޔުނައިޓެޑުންނެވެ. އަދި އޭގެ އެއް އަހަރުފަހުން އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވުމަށްފަހު އެޓީމުގައި 4 އަހަރު ހޭދަކޮށްފައެވެ. ޕޮގްބާ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ޓީމް ތަކުގެ ކޯޗުންގެ ލޮލުގައި އަޅައިގަތީ ޔުބެންޓަސްގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައެވެ. އަދި އޭނާ ޔުވެންޓަސްގައި ހޭދަކުރި ހަތަރު އަހަރުގައިވެސް އެޓީމަށް އިޓާލިއަން ލީގު ހޯދުމުގައި އިސްދައުރެއް އަދާކުރުމަށްފަހު 2016 ވަނަ އަހަރު އެނބުރި ޔުނައިޓެޑަށް ބަދަލުވީ 105 މިލިއަން ޔޫރޯގެ ރެކޯޑް ޓްރާންފަރ ފީއެއްގައި ދުނިޔޭގެ އޭރުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.