ވޯލްޑް ކަޕަށް ކޮލިފައިވުމަށް ބާއްވާ ކޮންމެބޯލް ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ވެނެޒުއޭލާ ބަލިކޮށް ބްރެޒިލް އިން އެޓީމުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުންމީދު ބޮޑުކޮށްފިއެވެ.

މިހާތަނަށް ކޮލިފައިންގް ގައި އެޓީމު ކުޅުނު ތިން މެޗުވެން މޮޅުވެ ބްރެޒިލް މިވަގުތު އޮތީ ޕޮއިންޓް ތާވަލްގެ އެއްވަނައިގައެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބްރެޒިލް މޮޅުވީ 0-1ގެ ނަތީޖާއަކުންނެވެ. މިދެޓީމު މީގެކުރިން ކުރިމަތިލި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ބްރެޒިލްގެ އެނެމެ މުހިންމު ކުޅުންތެރިއާ ކަމުގައިވާ އަނިޔާގައި ހުރި ޕީއެސްޖީއަށް ކުޅޭ ނޭމާ ނުހިމަނައި ބްރެޒިލްއިން ކުޅުނު މިމެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލިވަޕޫލަށް ކުޅޭ ތަޖުރިބާކާރު ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ.

މެޗަށް ބްރެޒިލް ނުކުތީ އެޓީމުގެ ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހުގައެވެ. އެގޮތުން އަނިޔާގައި ހުރި ނޭމާ، ކޮވިޑަށް ފައްސިވެފައި ހުރި ރެއާލް މެޑްރިޑުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސަމީރޯގެ އިތުރުން ކުޓީނިއޯ އާއި ވެވާޓަން ވެސް މެޗުން ފުރުސަތު ދީފައެއް ނުވެއެވެ. މިކުޅުންތެރިންގެ ބަދަލުގައި ކޯޗް ޓިޓޭ ފުރުސަތު ދީފައިވަނީ ގެބްރިއެލް ޖިސުސް އާއި އެލަންގެ އިތުރުން ރިބެއިރޯ އަދި އެޑާސަން އަށެވެ.

މެޗުން މޮޅުވެ ކުޅުނު ތިން މެޗުން 9 ޕޮއިންޓާއި އެކު ބްރެޒިލް އެއްވަނައިގައި އޮތްއިރު ދެވަނައިގައި އާޖެންޓީނާ އޮތީ ތިން މެޗުން 7 ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނައިގައި އެކުއެޑޯ އޮތީ 6 ޕޮއިންޓާއެކުއެވެ.

2022 ވަނަ އަހަރު ޤަތަރުގައި އޮންނަ ވޯލްޑްކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހުއެވެ.