މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް އަލަށް ގެނައި ޖަޕާނު ޑިފެންޑަރާއެކު އިތުރު ތިން ބިދޭސީ ކުޅުންތެރިން ގެނެސްފިއެވެ.

ސަސްއަށް ސޮއިކުރި ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރާއްޖޭގައީ މީގެކުރިން ކުޅުނު ޖަޕާނުގެ ޑިިފެންޑަރ އެއިސޫކޭ މޯރީ އަދި އޭޝިއާގެ ބައެއް ޓީމުތަކަށް ކުޅުނު ޖަޕާނުގެ މިޑްފީލްޑަރ ޔޮނެޒެވާ އަޓްސުޝީ ހިިމެނެއެވެ.

މީގެއިތުރުން ދެން ހިމެނޭ ދެ ކުޅުންތެރިންނަކީ އުޒްބަކިސްތާނު ލީގުގައި ކުޅުނު ތަޖުރިބާކާރު ކީޕަރު މިރްޒޮހިދު މަމަކްތޯނޯފް އާއި ސްޕެއިންގެ ދަށް ޑިވިޝަންތަކުގައި ކުޅުނު ފޯވާޑް ވިކްޓޯ ރޮޑްރިގޭޒް އެވެ.

ސަސްއަށް އަލަށް ގެނައި ކީޕަރަކީ އުޒްބަކިސްތާން ލީގުގައި ގިނަދުވަސްތަކެއް ވަންދެން ކުޅެފައިވާ ތަޖުރިބާކާރު ގޯލްކީޕަރެކެވެ. ދެން އެ ޓީމަށް ގުޅުނު ޖަޕާނުގެ ދެ ކުޅުންތެރިންގެ ތެރެއިން އެއިސޫކޭ މޯރީ ވަނީީ ރާއްޖޭގައި ކުޅެފައެވެ. އޭނާ ވަނީީ 2008 ވަނަ އަހަރުގެ ދެވަނަ ޑިވިޝަނުގައި ޖޭޖޭ ސްޕޯޓްސްއަށް ކުޅެފައެވެ. ދެން އެ ޓީމާއި ގުޅުނު ޖަޕާނު ކުޅުންތެރިއާއަކީ ރާއްޖޭގެ ލީގުގައި އަލަށް ކުޅޭ ކުޅުންތެރިއެކެވެ. މީީގެކުރިން އޭނާ ވަނީ މެލޭޝިއާ އާއި އިންޑޮނޭޝިއާގެ އިތުރުން ބަންގްލަދޭޝް އާއި ޖަޕާނުގައިވެސް ކުޅެފައެވެ.

އާ ސީޒަނަށް ތައްޔާރުވާ ސަސްއަށް ވަނީ ވަރުގަދަ އަދި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ސޮއިކޮށްފައެވެ. އޭގެތެރޭގައި ޓީސީގެ ކެޕްޓަންކަން ކުރި އަހުމަދު ފައްރާހް (ފައްރަ) އާއި ރާއްޖޭގެ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައިވާ ޝާފިއު އަހުމަދު (ޝާފީ)އާއި އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. އަދި އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެ އަހުމަދު އަޝްފާން ވެސް ސަސް އިން ފެންނާނެއެވެ.

ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. އަދި އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ)އެވެ. ގޯލްކީޕަރު ޓްރެއިނަރ އެއްގެ ގޮތުގައި މަސައްކަތްކުރާނީ ހަސަން ހަމީދު (ޑަކޭ) އެވެ.