ޔޫރޯ 2016 ގެ ފައިނަލްގައި ޕޯޗުގަލް އަތުން ބަލިވެ ލިބުނު ހިތްދަތިކަމުގެ ބަދަލުހިފައި ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލް ބަލިކޮށް ފްރާންސްއިން އެޓީމު މުބާރާތުގެ ތަށި ދިފާއުކުރުމަށް ކުރަމުން އައި އުންމީދުތައް ފުނޑުފުނޑު ކޮށްލައިފިއެވެ.

ޕޯޗުގަލްގައި ކުޅުނު މިމެޗުން ފްރާންސް މޮޅުވީ މެޗުގެ ދެވަނަ ހާފުގައި އެޓީމުގެ އިތުބާރު މިޑްފީލްޑަރު ކާންޓޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗާއި ކުރިމަތިލިއިރު ދެޓީމުވެސް އޮތީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. އެހެންކަމުން މެޗާއި ދެޓީމުވެސް ކުރިމަތިލީ ފައިނަލް މެޗަކަށް ތައްޔާރުވާނެ ފަދައިން ތައްޔާރުވެގެންނެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ނޭޝަންސް ލީގުގެ ތަށި ހޯދުމުގެ އުންމީދުގައިހުރި ޕޯޗުގަލް މާޔޫސްކޮށްލީ 53 ވަނަ މިނެޓުގައި ޗެލްސީއަށް ކުޅެމުން އަންނަ ކާންޓޭ ކާމިޔާބުކޮށްދިން ހިތްގައިމު ގޯލުންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފައިވީނަމަވެސް މެޗުގައި ދެޓީމުގެ ކީޕަރުންވެސް ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. އެހެންނަމަވެސް ފަސް ފަހަރު ބެލަންޑޯ އެވޯޑު ހޯދާ ލަނޑު ޖެހުމުގެ އެތައް ރެކޯޑެއް ހަދާފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދަށްކުޅުމެކެވެ. ހާއްސަކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި އޭނާއަށް ބޭނުން ނުހިފުމުން ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

މި ގުރޫޕުގައި ދެން ކުޅުނީ ކްރޮއޭޝިއާ އާއި ސްވިޑަންއެވެ. މިމެޗުން 1-2ގެ ނަތީޖާއަކުން ކުރިހޯދީ ސްވިޑަންއެވެ.

މެޗުގައި ސްވިޑަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މާކަސް ޑެނިއަލްސަން އާއި ޑެޖާން ކުލުސެވްސްކީއެވެ. އަދި ކްރޮއޭޝިއާގެ ހަމައެކަނި ލަނޑަކީ ސްވިޑަންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން މާކަސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ރޭގެ މެޗުތަކަށްފަހު "އޭ" ލީގުގެ ތިންވަނަ ގުރޫޕުގެ އެއްވަނަ ފްރާންސްއަށް ލިބެނީ ފަސް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ޕޯޗުގަލް 10 ޕޮއިންޓާއެކު އޮރްއިރު ތިންވަނައިގައި ކްރޮއޭޝިއާ އޮތީ 3 ޕޮއިންޓު ހޯދައިގެންނެވެ. އަދި ފުލުގައި ސްވިޑަންވެސް އޮތީ 3 ޕޮއިންޓާއެކުއެވެ.