ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނުން ޔޫކްރެއިންގެ މައްޗަށް ފަސޭހަ މޮޅެއް ހޯދިއިރުގައި ސްޕެއިންއާއި ސްވިޓްޒަލޭންޑުގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.

"އޭ" ލީގުގެ ހަތަރުވަނަ ގުރޫޕުގައި ޔޫކްރެއިންގެ މައްޗަށް ޖައުމަނު ޓީމް ކުރިހޯދީ 1-3ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޔޫކްރެއިންއެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރޯމަން ޔަރެމްޗުކްއެވެ. ނަމަވެސް އޭގެ އެގާރަ މިނެޓުފަހުން ޖަރުމަނުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ 23 ވަނަ މިނެޓުގައި އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އެގައުމުގެ ޒުވާން ވިންގަރ ލެރޯއި ސާނޭއެވެ. މެޗުގައި ޖަރުމަނުން ދެން ޖެހި ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ޗެލްސީއަށް ކުޅެމުން އަންނަ ޓިމޯ ވާނާއެވެ.

ޖަރުމަނު ޓީމުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި ލަނޑު ވާނާ ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. އަދި އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު އޭނާ ކާމިޔާބުކުރީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައެވެ.

މި ގުރޫޕުގެ އަނެއް މެޗުގައި ސްޕެއިންއާއި ސްވިޒަލޭންޑުގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުން މޮޅު ނުވިނަމަވެސް މެޗުގައި ގިނަވަގުތު ބޯޅަ ހިފައްޓާ މޮޅަށް ކުޅުނީ ސްޕެއިންއެވެ. އެޓީމުން މުޅިމެޗުގައި ޖުމްލަ 20 ހަމަލާއެއް ގޯލާއި ދިމާލަށް ފޮނުވާލާފައިވެއެވެ. ސްޕެއިންއަށް މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުނަމަވެސް އެޓީމުގެ ފޯވާޑްލައިނަކަށް ފުރުސަތުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފިފައެއް ނުވެއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ސްވިޒަލޭންޑެވެ. މިލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ރެމޯ ފްރައުލާއެވެ. ސްޕެއިނުން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވާން އެންމެ މިނެޓަކަށްވެފައި ވަނިކޮށެވެ.

މި ނަތިީޖާތަކާއި އެކު މިގުރޫޕުގެ އެއްވަނަ ޖަރުމަނަށް ލިބެނީ 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ސްޕެއިން އޮތީ 8 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ޔޫކްރެއިން 6 ޕޮއިންޓާއެކު އޮތްއިތު 3 ޕޮއިންޓް ލިބި ތާވަލްގެ ފުލުގައި އޮތީ ސްވިޓްޒަލޭންޑެވެ.