ޗެމްޕިއަންސް ލީގުގައި އަންނަ އަންގާރަ ދުވަހު ޕްރިމިއާ ލީގުގެ ޗެމްޕިއަން ޗެލްސީ އާއި ބާސެލޯނާ ބައްދަލު ކުރާ މެޗަށް ޗެލްސީގެ މާކޮސް އަލޮންސޯ ފިޓް ވުމުން، އެ ކްލަބުގެ ސަޕޯޓަރުން އުފާ ފާޅު ކުރަމުން އެބަ ގެންދެއެވެ.

ހެމްސްޓްރިންގް އަނިޔާއަކާއި ކުރިމަތިލާން ޖެހި، ޗެލްސީ އިން އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ފެނިފައިވާ ނުވާ އަލޮންސޯ ބާސާ އާއި ވާދަ ކުރާ މެޗުން ފެނިގެން ދާނޭކަން އެ ކްލަބުގެ ކޯޗް، އެންޓޯނިއޯ ކޮންޓޭ ހާމަ ކުރި ނަމަވެސް، އެ ކްލަބުގެ ޓިމެއު ބަކަޔޮކޯ އަށް ކުޅެވޭނޭ ކަމުގެ މާބޮޑު ޔަގީން ކަމެއް ނެތް ކަމަށް ކޮންޓޭ ވަނީ ބުނެފައެވެ.

ބާސާ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ޗެލްސީ އިން ފުރަތަމަ ލެގާއި ކުރިމަތި ލާއިރު، އެ ކްލަބުން ކުޅެން ނިންމާފައި ވަނީ 3-5-2 ގެ ފޯމޭޝަނެއްގައި އަލްވާރޯ މޮރާޓާ އާއި އެޑެން ހަޒާޑް އެންމެ ކުރީ ސަފަށް ނެރެގެންނެވެ.

ގިނަ ދުވަސްތަކަކަށް ފަހުގައި އަނެއްކާވެސް ޗެލްސީ އިން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މި ދަނޑިވަޅުގައި ކޮންޓޭ ބުނެފައި ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އެބަ އަންނަ ކަމަށާއި، އެހެން ނަމަވެސް، މިހާރު ކޮންމެ ދުވަހަކު އޭނާ ގެއަށް ދަނީ ބާސާ މެޗަށް ނަގާނީ ކޮން ކުޅުންތެރިން ތަކެއް ކަމާއި މެދު ވިސްނަމުން ކަމަށް އޭނާ ބުނެފައި ވެއެވެ.

ޗެލްސީގެ ކޯޗުގެ މަގާމުން ކޮންޓޭ ބޭރުކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ފެންމަތި ވެފައިވާ މި ދަނޑިވަޅުގައި، ބާސާ މެޗުން އެ ޓީމު މޮޅުވުމަކީ ކޮންޓޭ އަށް ލިބިގެންދާނޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވެގެން ދާނެއެވެ.