ރާއްޖޭގެ ކްރިކެޓުގެ ކުރިމަގު ބިނާކުރުމަށް "ޕްލޭން 120" އެކުލަވާލައިފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ އެގްޒެގެޓިވް ކޮމެޓީން އައު ހަތަރު އަހަރަށް ތައްޔާރުވުމުގެ ގޮތުން، މި ވަގުތަށް ކުރަން ހުރި މަސައްކަތްތައް ނިންމުމަށްޓަކައި "ޕްލޭން 120" ގެ ނަމުގައި ކުރު މުއްދަތުގެ ޕްލޭނެއް އެކުލަވާލައިފިއެވެ.

މި ޕްލޭންގައި ހިމެނެނީ ކުރިޔަށްއޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ކްރިކެޓާއި ގުޅުންހުރި އެކިއެކި ދާއިރާތަކުން ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކާއި މަސައްކަތް ގެންދާނެ ގޮތެވެ.

މި ދާއިރާތަކުގެ ތެރޭގައި ބޯޑުގެ ހިންގުމާއި، ވައިޑީޕީ އާއި ކުޅުންތެރިން ބިނާކުރުމާއި ޤައުމީ ޓީމާއި ގުޅޭ ކަންކަމާއި ކުލަބުތަކާއި ގުޅުންހުރި ކަންކަމާއި ކޯޗުންނާއި ގުޅުންހުރި ކަންކަމާއި އަދި މިވަގުތަށް ވަސީލަތްތައް ބޭނުންކުރުމަށް ހުރި ދަތިތައް ހައްލުކުރުން ހިމެނެއެވެ. މީގެއިތުރުން ރީޖަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދުމާއި ކުރިއަށް އޮތް ހަތަރު އަހަރުގެ ޕްލޭން ތައްޔާރުކުރުމާއި، ބޯޑުގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބައެއް ބަދަލުގެނައުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ މާލެ، ފުވައްމުލަށް، އަދި ލ.ކުނަހަންދޫ ހިމެނޭގޮތަށެވެ. "ޕްލޭން 120" ގެ މުއްދަތަކީ ނޮވެމްބަރު 2020 އިން ފެށިގެން ފެބްރުއަރީ 2021 އަށެވެ. ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމުގެ މަސައްކަތް ރޭވިފައިވަނީ އެގްޒެގެޓިވް ކޮމެޓީއާއި މެނޭޖްމަންޓް ސްޓާފުން ހިމެނޭ ޓީމުތަކެއްގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންގޮސް ނިންމުމުގެ މައްޗަށެވެ.

މި މަސައްކަތްތައް ކުރިޔަށްގެންދަނީ ކުލަބުތަކާއި ކުޅުންތެރިންނާއި އަދި ކްރިކެޓާއި ގުޅުންހުރި އެކިއެކި ފަރާތްތަކުގެ ބައިވެރިވުމާއެކު ކަމަށް ކްރިކެޓް ބޯޑުން މައުލޫމާތުދެއެވެ. އަދި "ޕްލޭން 120" ގެ މުއްދަތު ކަނޑައަޅާފައިވަނީ ޓީ 20 މެޗެއްގައި ހިމެނޭ 20 އޯވަރުގެ އިނިންގްސް އެއްގެ 120 ބޯޅައަށް ބިނާކޮށް ކަމަށްވެސް އެ ބޯޑުން މައުލޫމާތުދެއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ މި ކަންކަން ހާސިލުވުމުން ދެން ކްރިކެޓުގެ ކުރިމަގަށް ފޯކަސްކޮށްގެން މަސައްކަތްތައް ރާވާލަން ފަސޭހަވާނެ ކަމަށެވެ. މީގެތެރޭގައި ހިމެނޭ މުހިއްމު ކަންކަން ކަމަށްވާ ދިގު ރާސްތާގެ ޕްލޭން ތައްޔާރުކުރުމާއި ހިންގާ ޤަވާއިދު އިސްލާހުކުރުމުގެ މަސައްކަތުގައި ކުލަބުތަކާއި، ކްރިކެޓާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

އާ އެކްސްކޯއާއެކުު ރާއްޖޭގެ ކްރިކެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.