ޔުއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން ބަލިވެ ވަރުގަދަ އިންގްލޭންޑް މުބާރާތުން ކަޓައިފިއެވެ.

ބެލްޖިއަމްގައި ކުޅުނު މިމެޗުން އިންގްލޭންޑް ބަލިވީ 0-2ގެ ނަތީޖާއަކުންނެވެ. މެޗަށް އިންްގްލޭންޑް ނުކުތްއިރު މެޗު އެއްވަރުކޮށްލައިގެންވެސް އެޓީމަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އޮތެވެ. އެހެންނަމަވެސް އެޓީމުން ފައިނަލްގައި ކުޅުމަށް ކުރަމުންއައި އުންމީދަށް ހުރަސްއެޅީ ބެލްޖިއަމްއިން މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެލަނޑެވެ.

ބެލްޖިއަމްގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫރީ ޓީލްސްމަންސްއެވެ. މިލަނޑަކީ ރޮމެރޯ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އެޓީމުގެ ދެވަނަ ލަނޑަކީ ބެލްޖިއަމްގެ ޑިބްރުއިނޭއަށް އިންގްލޭންޑް ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭޖެހުމެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ޑްރީސް މާޓަންސް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

މިއާއެކު ބެލްޖިއަމްއަށް ނޭޝަންސް ލީގުގެ ފައިނަލްސް މެޗުތަކުގައި ކުޅުމަށް ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ޑެންމާކާއި ދެކޮޅަށް ކުޅޭ މެޗުގައި އެންމެ ޕޮއިންޓެއް ހޯދާލައިގެންވެސް ފުދޭނެއެވެ.

ފާއިތުވި 4 ވަރަކަށް އަހަރުތެރޭގައި ބެލްޖިއަމްއިން ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ބެލެވިފައެވެ. އެގޮތުން އެންމެ ފަހުގެ ވޯލްޑް ކަޕުގައިވެސް އެންމެން ހައިރާން ކުރުވަނި ނަތީޖާތަކެއް އެޓީމުން ނެރުނު ނަމަވެސް އެޓީމް މުބާރާތާ ވަކިވާން ޖެހުނީ ސެމީ ފައިނަލްގައި މުބާރާތުގެ ޗެމްޕިއަން ފްރާންސް އަތުން 0-1 އިން ބަލިވުމާއި ގުޅިގެނެވެ.

މެޗުން މޮޅުވެ ބެލްޖިއަމް އޮތީ މުބާރާތުގެ "އޭ" ލީގުގެ ދެވަނަ ގުރޫޕުގެ އެއްވަނައިގައި 12 ޕޮއިންޓާއި އެކުއެވެ. ދެވަނައިގައި އިންގްލޭންޑް އޮތީ 10 ޕޮއިންޓާއެކުއެވެ.