ގދ. ތިނަދޫގައި ބާއްވަން އުޅުނު އަންހެނުންގެ ފުޓްސަލް މުބާރާތެެއް އެރަށު މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ފަސްކުރުމަށް މުބާރާތުގެ ހިންގާ ކޮމިޓީން ނިންމައިފިއެވެ.

ތިނަދޫ ޔޫތް ފުޓްބޯލް ކްލަބްއިން މިރޭ ފެށުމަށް ނިންމާފައިވާ "ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް މުބާރާތް 2020" ފަސްކުރަން ނިންމީ މުބާރާތުގަައި ކުޅެން ޓީމް ލިސްޓެއްގައި ނަންޖަހާފައިވާ ކުޅުންތެރިއަކަށް މުބާރާތުގައި ނުކުޅެވޭނެ ކަމަށް ހިންގާ ކޮމިޓީއިން ނިންމުމާއި އެކު އެޓީމުން ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކޯޓުން ނިންމި ނިންމުމަށްފަހުއެވެ.

"ވަގުތު" އާއި ވާހަކަދައްކަމުން މުބާރާތް އިންތިޒާމްކުރި ޔޫތް ފުޓްބޯލް ކްލަބުގެ ރައީސް އިމްރާން ބުނީ، މުބާރާތުގައި ބައިވެރިވާ އޭބީވައިޓީ ޓީމުން ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ވައްދާފައިވަނީ އެޓީމަށް ކުޅޭ ގދ. ތިނަދޫގައި މަސައްކަތް ކުރާ މޯލްޑިވްސް ޕޮލިސް ސަރވިސްގެެ މުވައްޒަފެއް، މުބާރާތުަގެ ގަވައިދުތަކަށް ނުފެތޭކަމަށްބުނެ މުބާރާތުގައި ބައިވެރިވާ އެހެން ޓީމުތަކުން ހިންގާ ކޮމިޓީއަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން، އެކުޅުންތެރިޔާއަށް މުބާރާތުގައި ނުކުޅެވޭނެކަމަށް ކޮމިޓީއިން ނިންމުމުން ކަމަށެވެ.

"މުބާރާތުގައި ގަވާއިދުގައި އެބަބުނޭ މުބާރާތުގައިި ކުޅެވޭނީ ތިނަދޫގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި، ރަށުގެ ރަޖިސްޓްރީގައި އޮތް މީހަކާ އިނދެގެން އުޅޭމީހަކަށް ނޫނީ ރަށުގައި މަސައްކަތް ކުރާފަރާތްތަކަށް ކަމަށް، ދެން މިފަރާތްތައް ވާންޖެހޭއެބަ މިއަހަރުގެ ޖެނުއަރީއިން ފެށިގެން އެހެން ރަށަކަށް ނުގޮސް ރަށުގައި ތިބި ބަޔަކަށް. އެކަމް ހިންގާ ކޮމިޓީއަށް މައްސަލަ ހުށަހެޅި ޓީމުތަކުން ޔަގީންކަމާއެކު އެބަ ބުނޭ މައްސަލަޖެހިގެން މިއުޅޭ ކުޅުންތެރިޔާ އިތުރު ރަށްތަކަކަށް ދިޔަކަމަށް، އެހެންވެ ހިންގާ ކޮމިޓީއިން އެނިންމުން ނިންމީ".

ހިންގާ ކޮމިޓީއިން ނިންމި ނިންމުމާއިއެކު އޭބީވައިޓީއިން ވަނީ ކުޅުންތެރިއާއަށް މުބާރާތުގައި ކުޅެވޭގޮތް ހެދުމަށް ކޯޓަށް މައްސަލަހުށަހަޅާފައެވެ. މިއާއެކު މައްސަލަ ބަލަމުން ގެންދިއުމާ ގުޅިގެން ކޯޓުން ވަނީ ފުށުއެރުންތަކެއް ހުރި ޓީމުގެ މެޗުތައް ވަކިގޮތެއް އަންގަންދެން ފަސްކުރުމަށް އަންގާފައެވެ.

"ކޯޓުން ނިންމިނިންމުމާއި ގުޅިގެން ހިންގާ ކޮމިޓީއިން މުބާރާތް ފަސްކުރަން ނިންމީ. މުބާރާތުގައި ބައިވެރިވީ ފަސްޓީމު. އޭގެތެރެއިން އެންމެ ޓީމެއްގެ މެޗުތައްވެސް ފަސްކުރަން ޖެހިއްޖެނަމަ މުބާރާތަށް ފުށުއަރާނެ. އެހެންވެ މަސްލަހަތައް ބަލާފަ އެނިންމުން ނިންމީ". ކޯޓުގެ އަމުރާއެކު ޔޫތް ފުޓްބޯލް ކްލަބްއިން ނިންމާފައިވާ ނިންމުމާއި ބެހޭގޮތުން ވާހަކަދައްކަުން އިމްރާން ބުންޏެވެ.

މުބާރާތުގައި ވާދަކުރާ ޓީމެއް ކަމުގައިވާ އޯއެކްސް ވިމެންސްގެ މެނޭޖަަރު މުހަންމަދު މުއައްވަޒު "ވަގުތު" އާއި ވާހަކަދައްކަމުން ބުނީ މުބާރާތް ފެށުމުގެ ކުރިން މުބާރާތުގެ ހިންގާ ކޮމިޓީގެ މެމްބަރުން ޓީމްތަކަށް މުބާރާތުގެ ގަވައިދުތަކާއި ކުޅެވޭނެ ކުޅުންތެރިންގެ ޝަރުތުތައް ވަރަށް ތަފްސީލުކޮށް ކިޔާދީފައިވާކަމަށެވެ.

"މުބާރާތުގެ ކުރިން ހިންގާ ކޮމިޓީއިން ކޮންމެ ޓީމަކުން ދެއޮފިޝަލަކު ގެންދިޔަ މީޓިންގް އަކަށް. ވަރަށް ތަފްސީލުކޮށް ކިޔާދިން މުބާރާތުގެ ގަވައިދުތަކަކީ މިއީއޭ. މުބާރާތުގައި ކުޅެވޭނީ މިވެނި ޝަރުތުތަކެއް ހަމަވާ ކުޅުންތެރިން ތަކަކަށޭ. ކިޔާދީފައި އޮއްވާ އޭބީވައިޓީ ޓީމުގެ ޓީމް ލިސްޓުގަ ޖަހާފަ މިއިންނަނީ މިމިންގަނޑުތަކަށް ނުފެތޭ ކުޅުންތެރިއެއް. އެހެންވީމަ ދެންތިބި ޓީމްތަކުން ނިންމީ އިންސާފުވެރިކޮށް މުބާރާތް ގެންދިއުމަށް ހިންގާ ކޮމިޓީގައި މައްސަލަ ޖައްސަން".

ގިނަ މައްސަލަތަކެއް ކުރިމަތިވެ މުބާރާތުގެ ކުޅުން ލަސްވެފައިވާއިރު ފަސްޓީމާއެކު ކުރިއަށްދާ މިމުބާރާތް ދެން ފަށާނީ މިމަހުގެ 27 ވާ ހުކުރުދުވަހުއެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކަކީ އައުޓްލޯސް ކުއީންސް، އޯއެކްސް ވިމެންސް، އޭއެމްއީއެސް އާއި ޓީމް އޭބީވައިޓީގެ އިތުރުން އާރްއެފްސީ ވިމެންސްއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅަބޭ

    ސާބަހޭ ރާއްޖޭ ޝަރުއީ ނިޒާމައް. ކާޅަކާ ބުޅަލަކާ ތަޅައިގަތަސް، އެ ދޭތެރެއައް ކޯޓުތަކުން ވަންނަންވާނެ.

  2. ޖަމީ

    ތިޔައީ ތިނަދޫ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން. ޙިންގާ ކޮމެޓީން ނިންމުމުން އެކަން އެނިމުނީ.

  3. ޙާލަތު

    ތި ޤަވާޢިދަށް އަދި އިތުރު އިސްލާޙެއް ބޭނުންވޭ... އެއީ " މުބާރާތުގެ އެއްވެސް މައްސަލައެއް ޝަރުޢީ ކޯޓަކަށް ގެންދިއުމުގެ ޙައްޤު އެއްވެސް ޓީމަކަށް ލިބިގެން ނުވާކަމަށް އަދި އެފަދަ ގޮތަކަށް ޢަމަލު ކޮށްފިނަމަ އެޓީމެއް މުބާރާތުން ޑިސްކޮލިފައި ވާނެކަމަށް" މުބާރާތާ ގުޅޭ ހުރިހާ މައްސަލައެއްވެސް ފަހުގެ ނިންމުން ނިންމާނީ " މުބާރާތް ހިންގާ ކޮމިޓީއިން" އެހެން ނޫނީ އަދި ތިކަން ނުނިމޭނެ ސްޕްރީމް ކޯޓާ ހިސާބަށް ނުގޮސް