އިނގިރޭސި ޕްރިމިއަރ ލީގުގެ އާސެނަލްއަށް ކުޅެމުން އަންނަ މިސްރުގެ އިތުބާރު މިޑްފީލްޑަރު މުހަންމަދު އެލްނެނީ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެލްނެނީ ކޮވިޑަށް ފައްސިވެފައިވަނީ މިސްރުގެ ގައުމީ ޓީމާއެކު ބައިނަލްއަގްވާމީ ބްރޭކުގައި ފަރިތަކުރަމުން ދަނިކޮށެވެ. އޭނާ ކޮވިޑަށް ފައްސިވެފައިވާކަން ހާމަކޮށްފައިވަނީ މިސްރުގެ ފުޓުބޯޅައާއި ބެހޭ މައި އިދާރާ އިޖިޕްޝަން ފުޓްބޯލް އެސޯސިއޭޝަން (އީއެފްއޭ) އިންނެވެ.

އެއިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އެލްނެނީ ކޮވިޑަށް ފައްސިވެފައިވާކަމަށާއި އެހެންނަމަވެސް އޭނާގެ ގައިން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެންނަމުން ނުދާކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ. އަދި އާދިއްތަ ދުވަހު އޭނާ ހެދި ޓެސްޓަކުން ނައްސިވެފައިވާ ކަމަށާއި ޔަގީންކުރުމަށް އިތުރު ޓެސްޓެއް ހެދުމަށްފަހުގައި ނޫނީ ކޮވިޑުން އޭނާ ސަލާމަތްވިކަމަށް ބަލާ ކުޅުމުގެ ފުރުސަތު ނުދޭނެކަމަށެވެ.

އެލްނެނީ ކޮވިޑަށް ފައްސިވެފައިވާއިރު ނިމުނު ހަފްތާގެ ހުކުރު ދުވަހު މިސްރު އަދި ލިވަޕޫލްގެ ތަރި މުހަންމަދު ސަލާހް ކޮވިޑަށް ފައްސިވެފައިވާކަންވެސް މިސްރުގެ ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ. މިސްރުގެ ގައުމީ ޓީމުގު ޑޮކްޓަރު މުހަންމަދު އަބޫ އެލޫލާއާއި ހަވާލާދީ މިސްރު ޓީމުން ބުނީ ސަލާހުގެ ފަރާތުން ކޮވިޑުގެ ލުއި އަލާމާތްތަކެއް ފެންނަމުންދާކަމަށާއި ސުންކު ނައްސިވަންދެން އައިސޮލޭޝަންގައި ބަހައްޓައިގެން ސަލާހުގެ ހާލަތު ގާތުން ބަލަހައްޓަމުންދާނެ ކަމަށެވެ.

އެލްނެނީ އަންނަނީ މިސީޒަނުގައި އާސެލަން ޓީމުގައި ތަފާތު މޮޅުކުޅުމެއް ދައްކަމުންނެވެ. ނިމިދިޔަ ސީޒަނުގައި ތުރުކީގެ ބެސިކްޓަސްއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުމައްފަހު މިސީޒަނުގައި އެނބުރި އާސެނަލްއަށް އައުމައްފަހު އާސެނަލްގެ ކޯޗް މިކެލް އާޓެޓާގެ އިރުޝަދުގެދަށުން އޭނާ ރަނގަޅު ކުޅުމެއް ދައްކަމުންދާއިރު އޭނާވަނީ އާޓެޓާގެ ޓީމުން ގަވައިދުން ޖާގަހޯދާ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.