ޕެނަލްޓީއެއް ކާމިޔާބުނުކުރެވުނަސް ޕެނަލްޓީ ޖެހުމުގެ ޒިންމާ ދޫކޮށްނުލާނެ ކަމަށާއި އެކަމާއި ގުޅިގެން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނުވިސްނާކަމަށް ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ޑިފެންޑަރު ސްޕެއިން އަދި ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޮސް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ޔުއެފާ ނޭޝަންސް ލީގުގައި މިހަފްތާގެ އާދިއްތަ ދުވަހު ސުވިޒަލޭންޑާއި ދެކޮޅަށް ކުޅެ ސްޕެއިން އެއްވަރުވި މެޗުގައި ސްޕެއިންއަށް ލިބުނު ދެޕެނަލްޓީއެއް ރާމޮސްއަށް ކާމިޔާބުނުކުރެވުމާއި ގުޅިގެން އޭނާއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެމުންނެވެ.

މިހާރުވެސް ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ޑިފެންޑަރު ކަމަށްވާ ރާމޮސްވަނީ އެ މެޗުގެކުރިން ރެއާލްމެޑްރިޑް އަދި ސްޕެއިންގައި އޭނާ އެންމެފަހުން ޖެހި 25 ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.

ސްޕެއިންގެ މީޑިއާތަކާއި ވާހަކަދައްކަމުން ރާމޮސް ބުނީ ދެންވެސް ޕެނަލްޓީ ޖެހުމުގެ ފުރުސަތު ކޯޗު ދީފިނަމަ ކެރިގެން އެކަން ކުރާނެ ކަމަށެވެ. އަދި މެޗުގައި އޭނާހެދި ބައިނަލްއަގްވާމީ އެންމެ ގިނަ މެޗު ކުޅުނު ޔޫރަޕުގެ ގައުމުމަކަށް ނިސްބަތްވާ ކުޅުންތެރިއާގެ ރެކޯޑާއި ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ ކުރިން މިރެކޯޑް އޮތް އިޓަލީގެ ގޯލްކީޕަރު ބުފޮން ފަދަ ލެޖެންޑެއްގެ ރެކޯޑެއް މުގުރާލެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެކަމަށެވެ. އަދި މިއީ ދުވަހަކުވެސް ލިބިދާނެ ޝަރަފެއްކަމަށް ހީވެސް ނުކުރާކަމަށް އޭނާ ބުނެފައިވެއެވެ.

ރާމޮސް ރެއާލްމެޑްރިޑް ދޫކޮށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ އެ ސުވާލަށް ޖަވާބެއްދީފައެއް ނުވެއެވެ. ރާމޯސް މިހާރު ކުޅެމުން އަންނަ ރެއާލް މެޑްރިޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޖޫންމަހު ހަމަވެފައިވާއިރު ރެއާލް މެޑްރިޑުން ދަނީ ރާމޯސް އާއެކު އިތުރު އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެ ކުލަބާއެކު 16 އަހަރު ހޭދަކޮށްފައިވާ ސާޖިއޯ ރާމޯސްއާއެކު އާ އެއްބަސްވުމެއް އެކުލަވާނުލެވި ގިނަދުވަސްވާތީ އަންނަ ޖެނުއަރީން ފެށިގެން އެހެން ކުލަބުތަކާއެކު ރަސްމީ ވާހަކަތައް ދައްކަން ފަށާނެކަމަށް ރާމޯސް މީގެކުރިން ވަނީ ބުނެފައެވެ.

ކާމިޔާބު ކެރިއަރެއް ބިނާކޮށްފައިވާ ރާމޮސްއަކީ މިހާރު ކުޅޭ ޑިފެންޑަރުންގެ ތެރެއިން އެންމެ މޮޅު ޑިފެންޑަރުކަމަށް ގިނަބަޔަކު ދެކޭ އެއް ޑިފެންޑަރެވެ. އަދި ޑިފެންޑަރެއްގެ ގޮތުގައިހުރެ އޭނާވަނީ އެތައް ރެކޯޑެއްވެސް ފުޓުބޯޅައިގައި ހަދާފައެވެ. އެގޮތުން ލަނޑުޖެހުމުގެ ރެކޯޑްތަކެއްވެސް އޭނާ ހަދާފައިވެއެވެ.