ފްރެންޗް ލީގުގައި ނޯންޓްސްއާއި ދެކޮޅަށް ޕީއެސްޖީއިން މިމަހުގެ 1 ވަނަ ދުވަހު ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރި ޕީއެސްޖީ އަދި ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ ފްރާންސްގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ނުކުންނަން ފަށައިފިއެވެ.

އަނިޔާގައި ހުންނަން ޖެހުމުގެ ސަބަބުން އެމްބާޕޭއަށް ވަނީ ޕީއެސްޖީ އަދި ފްރާންސް ވެސް ކުޅުނު މުހިންމު މެޗުތަކެއް ކުޅުމުގެ ފުރުސަތު ގެއްލިފައެވެ. އަނިޔާވުމާއެކު ޕީއެސްޖީގެ ސްކޮޑުގައި އެމްބާޕޭ ހިމަނާފައިނުވި ނަމަވެސް ފްރާންސްއިން މި މުއްދަތުގައި ކުޅުނު ހުރިހާ މެޗެއްގެ ސްކޮޑު ލިސްޓުގައިވެސް އެމްބާޕޭގެ ނަން އެޓީމުގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ވަނީ ހިމަނާފައެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން ޑެޝޮމްޕް ބުނީ އެމްބާޕޭ އަނިޔާއިން ރަނގަޅުވަމުން އަންނަ ކަމަށާއި ޓީމާއެކު ފަރިތަކުރުންތަކުގައިވެސް އޭނާ ބައިވެރިވަމުން ދާކަމަށެވެ. އެހެންނަމަވެސް އަދި މިރޭ ނޭޝަންސް ލީގުގައި ސްވިޑަންއާއި ދެކޮޅަށްކުޅޭ މެޗުގައި އޭނާ ކުޅުމާއިމެދު ގޮތެއް އަދި ނުނިންމާކަމަށްވެސް ޑެޝޮމްޕް ވަނީ ބުނެފައެވެ.

"ފަރިތަކުރުންތަކުގައި އެމްބާޕޭ ދަނީ ބައިވެރިވަމުން، ކުޅުމުގެ ފުރުސަތު ދެހަފްތާއެއްހާ ދުވަސް ވަންދެން އޭނާއަށް ގެއްލުމުން ހުރީ ދެރަވެފަ، ވަގުތު ހޯދައިގެން އޭނާއާއި ވާހަކަދައްކާނަން، އިނގޭ މެޗުގައި ކުޅެން އޭނާހުރީ ވަރަށް ބޭނުންވެފައިކަންވެސް. ހުރިކާމެއް ރަނގަޅަށް ގޮއްސިޔާ އެފުރުސަތު އޭނާއަށް ދޭނަން". މިރޭގެ މެޗުގައި އެމްބާޕޭ ފެނިގެންދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޑެޝޮމްޕް ބުންޏެވެ.

މެޗުގައި އެމްބާޕޭ ކުޅޭނަމަ އޭނާ ފެނިގެންދާނީ ފުރަތަމަ 11ގެ ކުޅުންތެރިއެއްގެ ގޮތުގައިތޯ ނުވަތަ ބަދަލްކުޅުންތެރިއެއްގެ ގޮތުގައިތޯވެސް އަދި ނިންމާފައި ނުވާކަމަށްވެސް ޑެޝޮމްޕް ވަނީ ބުނެފައެވެ.

ނޭޝަންސް ލީގުގައި އާދިއްތަ ދުވަހު ޕޯޗުގަލް ބަލިކޮށް ފްރާންސްވަނީ މުބާރާތުގެ ފައިނަލްސްގެ މެޗުތަކަށް ކޮލިފައިވެފައެވެ. ފްރާންސް މިރޭ ސްވިޑަން އާއި ދެކޮޅަށް ނުކުންނައިރު އެޓީމު އޮތީ މުބާރާތުގެ "އޭ" ލީގުގެ ތިންވަނަ ގުރޫޕުގެ އެއްވަނައިގަ ފަސް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ.