އިންޓަމިލާނަށް ކުޅެމުންއަންނަ ސާބިއާގެ ޑިފެންޑަރު އެލެކްސަންޑްރާ ކޮލަރޯވް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އިންޓަމިލާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަވައިދުން އެޓީމުން ކުޅުންތެރިން ކޮވިޑަށް ޓެސްޓުކުރަމުންދާ ކަމަށާއި އެންމެ ފަހުންހެދި ޓެސްޓުތަކުން އެޓީމުގެ ޑިފެންޑަރު ކޮލަރޯވް ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

މީގެއިތުރުން މިބަޔާނުގައި ބުނެފައިވަނީ ކޮލަރޯވް ކޮވިޑަށް ފައްސިވެފައިވާކަން އިނގުނީ ސާބިއާގެ ގައުމީ ޓީމާއެކު ކޭމްޕް ކުރުމަށްފަހު އައުމުންކުރި ޓެސްޓުންކަމަށެވެ. އޭނާގެ ފަރާތުން ކޮވިޑްގެ އެެއްވެސް އަލާމާތެއް ނުފެންނަކަމަށާއި އެހެންނަމަވެސް އޭނާ މިހާރު އެކަހެރި ކޮށްފައިވާކަމަށެވެ.

މިއީ އިންޓަރ މިލާނުން ކޮވިޑަށް ފައްސިވި ތިންވަނަ ކުޅުންތެރިއާއެވެ. މީގެ ކުރިން އެޓީމުގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗާއި އެޓީމުގެ ކީޕަރު ޑެނިއެލް ޕަޑޭލީވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ބައިނަލްއަގްވާމީ ބްރޭކުގައި ސާބިއާ ޓީމުގެ ސްކޮޑުގައި ހިމެނުނުނަމަވެސް އޭނާއަށް މެޗުތަކުގައި ފުރުސަތުލިބިފައެއް ނުވެއެވެ. ހާއްސަކޮށް ކޮލަރޯވާ ފަދަ ތަޖުރިބާކާރު ކުޅުންތެރިއަކު ސްކޮޑުގައި ނުހިމަނާ ސާބިއާގެ ޓީމުން ޔޫރޯ ކޮލިފިކޭޝަންގައި ސްކޮޓްލޭންޑާއި ދެކޮޅަށްކުޅެ ބަލިވިމެޗުގައި ފުރުސަތު ނުދިނުމުން އެޓީމުގެ ކޯޗަށްވަނީ ފާޑުކިއުންތަކެއް އަމާޒުވެފައެވެ.

މީގެއިތުރުން ސާބިއާ ނޭޝަންސް ލީގުގައި ހަންގޭރީ އާއި ދެކޮޅަށް ކުޅޭ މެޗުން އެ ޓީމުގެ ސްކޮޑުގައި ވެސް ކޮލަރޮވް ހިމަނާފައެއް ނުވެއެވެ.

ކޮލަރޮވް އިންޓަމިލާނަށް ބަދަލުވީ ރޯމާގައި ހުރުމަށްފަހު ދެ މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ.

ކޮވިޑަސް ފައްސިވުމާއި ގުޅިގެން އިންޓަމިލާނުން ޗެންޕިއަންސް ލީގުގައި ރިއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާ ކުޅުމުގެ ފުރުސަތު ގެއްލޭނެއެވެ. އަދި މިމަހުގެ 28 ވަނަ ދުވަހު އެ ޓީމުން ސަސުއޯލޯ އާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ކުޅެވޭނީ ކޮވިޑަށް ނައްސިވެފައިވާ ނަތީޖާ ދެއްކުމަށް ފަހު އެވެ.