އިނގިރޭސި ޤައުމީ ޓީމަށް ކުޅެމުން އަންނަ އެސްޓަންވިލާގެ ކެޕްޓަން ޖެކް ގްރީލިޝް އަކީ އުއްމީދީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ބޭނުން ޔޫރޯގައި ބޮޑުވާނެކަމަށް ޑިފެންޑަރު އޭޝްލީ ކޯލް ބުނެފިއެވެ.

ޤައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 25 އަހަރުގެ ޖެކް ގްރީލިޝްއަކީ މިހާރު އިނގިރޭސިި ފުޓުބޯޅައިގައި ވިދަމުން އަންނަ ނަމެކެވެ. އޭނާގެ ކުޅުމާއި ގިނަމީހުން އަޅާކިޔަނީ ބެލްޖިއަމްގެ ހުނަރުވެރި ވިންގާ އެޑެން ހަޒާޑް އާއެވެ. ގިނަބަޔަކު ބުނާގޮތުގައި އޭނާގެ ކިބައިގައި ހަޒާޑްގެ ހުނަރު ފެންނަން އެބަހުއްޓެވެ.

މި ސީޒަންގައި ވިދުން ގަދަ ގްރީލިޝްއަށް އިނގިރޭސި ގައުމީ ޓީމުންވެސް ޖާގަ ލިބިފައިވާއިރު އެންމެފަހުން ބެލްޖިއަމްއާ ދެކޮޅަށް ދެއްކި ކުޅުމަށްފަހު އިނގިރޭސި ކޯޗު ގެރެތު ސައުތުގޭޓްވެސް ވަނީ ގްރީލިޝްއަށް ތައުރީފުކޮށް މީޑިއާއާއި ވާހަކަދައްކާފައެވެ.

އޭޝްލީ ބުނީ ގްރީލިޝްއަކީ ޖާދުވީ ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ މެޗު އެއްކޮށް އަނބުރާލުމުގެ ފެންވަރު ހުރި މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި އެއީ އިނގިރޭސި ޓީމަށް އެންމެ ބޭނުންވާ ޒާތުގެ ކުޅުންތެރިއެއްކަމަށް ވެސް ބުންޏެވެ.

ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އިނގިރޭސި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ގްރީލިޝްއަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެއެވެ. އެއީ ބޮޑެތި މެޗުތަކުގައި އޭނާ ތަފާތު ދައްކާފައިވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕީޖޭ

    މެދު ފަންތީގެ ކުޅުންތެރިއެއް މީޑިޔާ 🙃

    4
    3