ކޮންމެ ދެ އަހަރަކުން އެއް އަހަރު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ބާއްވާ އަންހެނުންގެ 17 އަހަރުންދަށުގެ ވޯލްޑްކަޕް 2022 އަށް ފަސްކޮށްފިއެވެ.

ކުރިން 2021 ވަނަ އަހަރު މި މުބާރާތް އިންޑިއާގައި ބޭއްވުމަށް ކުރިން ނިންމި ނަމަވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން މުބާރާތް ވަނީ 2022 ވަނަ އަހަރު އިންޑިއާގައި ބޭއްވުމަށް ނިންމާފައެވެ.

އެންމެ ފުރަތަމަ މި މުބާރާތް ބޭއްވުމަށް މަސައްކަތްކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރުގައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން މުބާރާތް ފަސްކުރިއެވެ. އެއަށްފަހު ފީފާއިން ބޭއްވި މަޝްވަރާތަކަށްފަހު މި މުބާރާތް އަންނަ އަހަރުގެ ފެބްރުއަރީ އާއިި މާރޗް މަހު ބޭއްވުމަށް ނިންމިއެވެ. ނަމަވެސް މުބާރާތް ތިންވަނަ ފަހަރަށް ފަސްކުރީ އެކަށީގެންވާ ވަރަށް މުބާރާތަށް ތައްޔާރު ނުވެވޭނެކަން ފީފާއިން ގަބޫލުކުރުމުންނެވެ.

މުބާރާތް ބޭއްވުމުގެ ފުރުސަތު އިންޑިއާއަށް ލިބިފައިވަނީ 2019 އަހަރުގެ މާރޗް މަހު މަޔާމީގައި ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުންނެވެ.

މި މުބާރާތް ފަސްކޮށްފައިވާއިރު އަންހެނުންގެ 20 އަހަރުންދަށުގެ ވޯލްޑްކަޕްވެސް ވަނީ ކެންސަލްކޮށްފައެވެ. އަންހެނުންގެ 17 އަހަރުންދަށުގެ ވޯލްޑްކަޕް 2020 ގައި ބާއްވަން ޝެޑިއުލްކޮށް އެ މުބާރާތް ފަސްކުރުމާއެކު މިއީ މުބާރާތް ބާއްވަން ފެށީއްސުރެ ތާރީހުގައި މިމުބާރާތް ނުބޭއްވި ދާ އެންމެ ދިގު މުއްދަތެވެ.

މީގެއިތުރުން އަންހެނުންގެ 19 އަހަރުންދަށުގެ ވޯލްޑްކަޕްވެސް ވަނީ 2022 އަށް ފަސްކޮށްފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮސްޓަރިކާ ގައެވެ.