ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން އަތުން ބޮޑު ފަރަގަކުން ބަލިވެ ޖަރުމަނު މުބާރާާތުން ކަޓައިފިއެވެ.

ސްޕެއިންގައި ކުޅުނު މި މެޗުން ޖަރުމަނު ބަލިވީ 0-6 ގެ ނަތީޖާއަކުންނެވެ. މިއީ ފާއިތުވި 90 އަހަރުގެ ތެރޭގައި ޖަރުމަނުން ވާދަވެރި މެޗެއްގައި މިހާ ފަރަގު ބޮޑު ނަތީޖާއަކުން ބަލިވި ފުރަތަމަ ފަހަރެވެ.

މުޅި މެޗު ޑޮމިނޭޓްކުރި ސްޕެއިން އިން އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ފުރަތމަ ފަހަރަށް ލީޑު ނަގައިދިނީ އުންމީދީ ފޯވާޑް އަލްވާރޯ މޮރާޓާއެވެ.

ސްޕެއިންގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ހެޓްރިކް ހަދާ މޮޅުކުޅުމެއް ދައްކާފައިވާ މެންޗަސްޓަރ ސިޓީއަަށް ކުޅެމުން އަންނަ އެޓީމުގެ ޒުވާން ފޯވާޑް ފެރާން ޓޮރޭޒްއެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ.

ދެވަނަ ލަނޑު ޓޮރޭސް ކާމިޔާބުކުރިތާ ފަސް މިނެޓު ފަހުން ރޮޑްރީ ވަނީ ސްޕެއިންއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ފަރަގު ބޮޑުކޮށްދީފައެވެ. ސްޕެއިންގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި އެޓީމުން ޖަރުމަނުގެ ގޯލަށް ނުރައްކާތެރި ގިނަހަމަލާތަކެއް ފޮނުވާލާފައިވާ އިރު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޮސްއަށް އަނިޔާވެ ދަނޑުން ބޭލުމަށް ފަހުއެވެ. ތާރީހީ މޮޅެއް ލިބުނު މިމެޗުގެ ބާކީބައި އޭނާ ކުޅެފައެއް ނުވެއެވެ.

3-0 އިން ކުރީގައި އޮވެ ސްޕެއިން ދެވަނަ ހާފަށް ނުކުތީ ފުރަތަމަ ހާފަށް ވުރެ ވެސް އެޓޭކިންގެ ގޭމަކާ އެކުއެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓު ތެރޭގައި އެ ޓީމުން އިތުރު ލަނޑެއް ކާމިޔާބުކުރުމެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޓޮރޭޒްއެވެ. ފެރާން ޓޮރޭޒް ހެޓްރިކް ފުރިހަމަކުރި ލަނޑު ކާމިޔާބުކުރީ މެޗުގެ 77 ވަނަ މިނެޓުގައެވެ. އަދި ސްޕެއިންއިން މެޗުގައި ޖެހި ފަހު ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މިކެލް އޮޔަރްޒަބަލްއެވެ.

މިއީ ޖަރުމަނުގެ ކޯޗުކަމުގައި ޖޯޝިލް ލޯ ހޭދަކުރި 14 އަހަރުގެ ދެރޭގައި އޭނާއާއި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ބައްޔެވެ. މެޗުން ބަލިވެ އެޓީމު މުބާރާތާއި ވަކިވާން ޖެހުނުއިރު އެ ޓީމު އޮތީ މިދެޓީމު ނިސްބަތްވާ ގުރޫޕުގެ ދެވަނައިގައި 9 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ސްޕެއިން އޮތީ 11 ޕޮއިންޓާއި އެކުއެވެ.

މިގުރޫޕުގައި ދެން ކުޅެން އޮތް ސްވިޒަލޭންޑާއި ޔޫކްރެއިން ބައްދަލުކުރަންއޮތް މެޗު ވަނީ ކެންސަލްކޮށްފައެވެ. މެޗު ކެންސަލް ކޮށްފައިވަނީ ޔޫކްރެއިންގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ފައްސިވެފައިވުމުން މެޗުކުޅެގެން ވައިރަސް ފެތުރިދާނެކަމުގެ ބިރުއޮތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒިޔާދު

    ފެރާން ޓޮރޭ ކުޅެނީ މެންޗެސްޓާ ޔުނައިޓެޑައްތަ؟

    3
    3
  2. ދދ^ެދެެ~

    ނޫން އޭނާ އަކީ މެންޗަސްޓަ ސިޓީއަ

  3. Anonymous

    ސްޕެއިންގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ހެޓްރިކް ހަދާ މޮޅުކުޅުމެއް ދައްކާފައިވާ މެންޗަސްޓަރ ސިޓީއަަށް ކުޅެމުން އަންނަ އެޓީމުގެ ޒުވާން ފޯވާޑް ފެރާން ޓޮރޭޒްއެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ.
    ޒިޔާދޫ ބަލާލަބަލަ