ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއާއި އަތުން ބްރެޒިލް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

އުރުގުއާއިގެ ދަނޑުގައި ކުޅުނު މި މެޗުން ބްރެޒިލް މޮޅުވީ 0-2ގެ ނަތީޖާއަކުންނެވެ. މިއީ އުރުގުއާއި އަތުން ބަލިނުވެ ބްރެޒިލް ހަމަކުރި 11 ވަނަ މެޗެވެ.

މިހާތަނަށް ހަތަރު މެޗެއް ބްރެޒިލް ކޮލިފިކޭޝަންގައި ކުޅެފައިވާއިރު އެޓީމުން އަދި ކޮލިފައިންގައި ބަލިވެފައެއް ނުވެއެވެ. މެޗުގައި ބްރެޒިލްއިން ކާމިޔާބުކުރި ދެލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ.

ބްރެޒިލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރިޗަލިސަންއެވެ. އަދި އެޓީމުން ލީޑުފުޅާ ކުރި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އާތާ މެލޯއެވެ. މިމޮޅަކީ އަނިޔާގައި ހުރި އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިއާ ނޭމާއާއި ނުލާ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުން އެޓީމު މޮޅުވި ހަތަރުވަނަ މެޗެވެ.

މެޗުގައި އުރުގުއާއިގެ މުހިންމު ކުޅުންތެރިއަކަށްވެސް ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އެޓީމުގެ އެންމެ މުހިންމު ފޯވާޑް ލުއިސް ސުއަރޭޒް ކޮވިޑް-19 އަށް ފައްސިވެފައިވުމުން މިމެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ލިބިފައިނުވާ އިރު މެޗުގެ 71 ވަނަ މިނެޓުގައި މެންޗަސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ އެޓީމުގެ ފޯވާޑް އެޑިންސަން ކަވާނީއަށް ރެފްރީވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މި ދެޓީމަށްވެސް ދެން މެޗެއް އޮންނާނީ އަންނަ އަހަރުގައެވެ. ރޭގެ މެޗައްފަހު އަދިވެސް ކޮންމެބޯލް ވޯލްޑްކަޕް ކޮލިފިކޭޝަންގެ އެއްވަނައިގައި ހަތަރު މެޗުން 12 ޕޮއިންޓު ހޯދައިގެންނެވެ. އުރުގުއާއި އަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިގެން އޮތީ ތާވަލުގެ ފަސް ވަނައިގައެވެ.