މިސްރުގެ ޤައުމީ ޓީމާއެކު މެޗުތަކެއް ކުޅުމަށް ތައްޔާރުވަމުން އަންނަނިކޮށް ކޮވިޑް-19 އަށް ފައްސިވި އެ ޤައުމުގެ ތަރި މުހައްމަދު ސަލާހް ގެ ނެގި ދެވަނަ ސުންކުވެސް ފައްސިވެއްޖެ އެވެ.

މީގެ ހަތަރު ދުވަސްކުރިން ސަލާހް ފައްސިވިކަން ހާމަކޮށްފައިވާއިރު އެއީ ނުބައި ނަތީޖާއެއްކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އެހެންކަމުން ދެވަނަ ސުންކު ނަގާފައިވަނީ އެކަން ޔަގީންކުރުމުގެ ބޭނުމުގައެވެ. ދެވަނަ ސުންކުވެސް ފައްސިވުމާއެކު އޭނާއަށް ޕްރިމިއަރ ލީގުގައި ލިވަޕޫލް ކުރިޔަށް ކުޅެން ހުރި ބައެއް މެޗުތައް ގެއްލޭނެއެވެ.

އެންމެ އަވަހަށްވެސް ލިވަޕޫލް މެޗެއް ކުޅޭނީ އަންނަ ހަފުތާގެ ހޯމަދުވަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ލެސްޓާ ސިޓީއާއެވެ. ނަމަވެސް މި ނަތީޖާއާއި ގުޅިގެން ސަލާހަށް މި މެޗު ގެއްލޭނެއެވެ.

މިސްރުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކޮވިޑަށް ފައްސިވިއިރު އެ ޤައުމު ތައްޔާރުވަމުން ދިޔައީ އެފްރިިކާ ބައްރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ޓޯގޯއާއި ދެކޮޅަށް މެޗެއް ކުޅޭށެވެ.

އުމުރުން 28 އަހަރުގެ ސަލާހް ފައްސިވުމާއި ގުޅޭގޮތުން މިސްރުގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަލާހުގެ އިތުރު ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއްވެސް އަލާމާތެއް ފެންނަން ނެތްކަމަށާއި ޓީމާއި އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެެވެ. ނަމަވެސް ފަހުން ސަލާހުގެ ކިބައިން ކުދި އަލާމާތްތައް ދިޔައީ ފެންނަމުންނެވެ.