ޔުއެފާ ނޭޝަންސް ލީގުގެ "އޭ" ލީގުގެ ގްރޫޕް އެކެއްގައި ވާދަވެރި ކުޅުމަކަށްފަހު ޕޮލެންޑް އަތުން ނެދަލޭންޑްސް މޮޅުވެއްޖެއެވެ.

ޕޮލޭންޑުގެ ސްލާސްކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ނެދަލޭންޑްސް މޮޅުވީ ފަހު ހާފުގައި ޖެހި ދެ ލަނޑާއެކު 1-2ގެ ނަތީޖާއަކުންނެވެ. މިމެޗުން މޮޅުވި ނަމަވެސް ނެދަލޭންޑްސްވެސް އަދި މެޗުން ބަލިވި ޕޮލޭންޑް ވެސް ވަނީ މުބާރާތުން ކަޓައިފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕޮލެންޑެވެ. މިލަނޑު މެޗު ފެށިގެން ފަސް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކާމިލް ޖޯސްވިއަކްއެވެ. މިހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެ ޓީމުގެ ފަރާތުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ.

ދެވަނަ ހާފު 0-1 އިން ޕޮލޭންޑް ކުރީގައި އޮވެގެން ފެށި ނަމަވެސް މިހާފުގައި ވަރުގަދަކޮށް ފެނިގެންދިޔައީ ނެދަލޭންޑްސްއެވެ. ވަރުގަދަ އެޓޭކިންގް ގޭމެއް ކުޅެމުންދިޔަ ނެދަލޭންޑްސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 77 ވަނަ މިނެޓުގައެވެ. މިލަނޑު ލިބުނު ޕެނަލްޓީއެއްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް މެމްފިސް ޑީޕޭއެވެ.

ނެދަލޭންޑްސް މެޗުން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ލިވަޕޫލްއަށް ކުޅެމުންއަންނަ 30 އަހަރުގެ މިޑްފީލްޑަރު ވައިނަލްޑަމްއެވެ.

މިގުރޫޕުގައި ދެންކުޅުނީ ގުރޫޕުގެ އެއްވަނަ ހޯދާ މުބާރާތުގެ ފައިނަލްސްގެ މެޗުތަކަށް ކޮލިފައިވި އިޓަލީ އާއި ގުރޫޕުގެ ފުލުގައި އޮތް ބޮސްނިއާއެވެ. މިމެޗު 0-2 އިން ކާމިޔާބުކުރީ އިޓަލީއެވެ. އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އަންދްރޭ ބެލޮޓީ އާއި ޑޮމެނިކޯ ބެރާޑީއެވެ.

ނެދަލޭންޑްސް އާއި ޕޮލެންޑަށް މެޗަށް ނުކުތް އިރު ފައިނަލްސް އަށް ކޮލިފައިވުމުގެ ހަނި ފުރުސަތެއް އޮތެވެ. ދެޓީމަށް ވެސް ކޮލިފައިވުމުގެ ފުރުސަތު އިނީ ދެޓީމުގެ ކުރިމަތިލުމުން މޮޅުވެ އިޓަލީއާއި ބޮސްނިއާގެ ކުރިމަތިލުމުން އިޓަލީ ބަލިވެގެން ނުވަތަ މެޗު އެއްވަރުވެގެންނެވެ.

މި ނަތީޖާތަކާ އެކު އިޓަލީ ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ފައިނަލްސް އަށް ކޮލިފައިވީ ކުޅުނު ހަމެޗުން 12 ޕޮއިންޓު ހޯދައިގެނެވެ. ދެވަނައިގައި 11 ޕޮއިންޓާއެކު ނެދަލޭންޑްސް އޮތްއިރު ތިންވަނައިގައި ޕޮލޭންޑް އޮތީ 7 ޕޮއިންޓާއެކުއެވެ. ފުލުގައި ބޮސްނިއާ އޮތީ 2 ޕޮއިންޓާއެކުއެވެ.