ނޭޝަންސް ލީގުގެ "އޭ" ލީގް ގްރޫޕް ދޭއްގައި ބެލްޖިއަމް އާއި އިންގްލޭންޑުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ބެލްޖިއަމްގެ އަމިއްލަ ދަނޑުގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗު ބެލްޖިއަމް ކާމިޔާބުކުރީ 2-4ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތްއިރު ވެސް މިގުރޫޕުގެ އެއްވަނައިގެ ގޮތުގައި މުބާރާތުގެ ފައިނަލް ބެލްޖިއަމް ވަނީ ކޮލިފައިވެފައެވެ.

ބެލްޖިއަމްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫރީ ޓީލްމަންސްއެވެ. ނަމަވެސް މިހާފުގެ 17 ވަނަ މިނެޓުގައި ޑެންމާކުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯނަސް ވިންޑްއެވެ. މިހާފުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ދެވަނަ ހާފު ވެސް ބެލްޖިއަމް ފެށީ ޑެންމާކަށްވުރެ ވަރުގަދަކޮށެވެ. އެގޮތުން މިހާފުގެ 12 ވަނަ މިނެޓުގައި ރޮމެރޫ ލުކާކޫވަނީ ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ބެލްޖިއަމްއަށް ލީޑު ނަގައިދީފައެވެ. މިމެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހާފައެވެ. ލުކާކޫގެ ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 69 ވަނަ މިނެޓުގައެވެ.

ޑެންމާކުގެ ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށް ބެލްޖިއަމްގެ ނެސާ ޗެޑްލީގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ބެލްޖިއަމްއިން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެންޗަސްޓަ ސިޓީއަށް ކުޅެމުން އަންނަ އެޓީމުގެ ތަރި ކެވިން ޑިބްރުއިނޭއެވެ.

މިގުރޫޕުގައި ދެން ކުޅުނީ އިންގްލޭންޑާއި އައިސްލޭންޑެވެ. މިމެޗު ފަސޭހަކަމާއިއެކު 0-4 އިން ކާމިޔާބުކުރީ އިންގްލޭންޑެވެ. މެޗުގައި އިންގްލޭންޑުން ކާމިޔާބުކުރި ހަތަރުލަނޑުގެ ތެރެއިން ދެ ލަނޑަކީ މެންޗަސްޓަ ސިޓީއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ކާމިޔާބުކުރި ދެލަނޑެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ ޑެކްލަން ރައިސް އާއި މޭސަން މައުންޓެވެ.

މެޗުން މޮޅުވި ނަމަވެސް އިންގްލޭންޑު ވަނީ މުބާރާތުން ކަޓާފައެވެ. މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލްސްގެ މެޗުތަކަށް ބެލްޖިއަމް ކޮލިފައިވީ ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށް 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޑެންމާކް 10 ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި އިންގްލޭންޑްވެސް އޮތީ މިއަދަދަށް ޕޮއިންޓް ހޯދައިގެނެވެ. ޑެންމާކަށް ކުރި ލިބެނީ މި ދެޓީމުގެ ކުރިމަތިލުމުން ޑެންމާކަށް ކުރި ލިބިފައިވުމުންނެވެ. ގުރޫޕުގެ ފުލުގައި އައިސްލޭންޑު އޮތީ ޕޮއިންޓެއް ނުލިބިއެވެ.