އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ސެމީފައިނަލުގައިި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ ގުޔެން ގުއެންގް ހައި އަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވޯޓް ލުމަށް ބޭނުންކުރާ ލިންކް " އޭއެފްސީގެ ވެބްސައިޓް"

މިއަދު ހެނދުނު މި ޗެލެންޖަށް ވޯޓުލުން ހުޅުވާލިއިރު ވިއެޓްނާމުގައި ގުޔެން ގުއެންޑް ހައިއަށް ވޯޓުހޯދުމަށް ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ. އެގޮތުން މީގެ ކުރިއެކޭ އެއްގޮތައް އެގައުމުގެ ކުޅުންތެރިންނަށް ވޯޓު އިތުރުކުރުމަށް އެ ޤައުމުގެ މީޑިއާތަކާއި ކުޅިވަރު ވެބްސައިޓުތައް މެދުވެރިކޮށް ހަރަކާތްތަކެއްވެސް ދަނީ ހިންގަމުންނެވެ. އެހެންނަމަވެސް ދިވެހިން ގައުމީ ރޫހުގައި ތެދުވެއްޖެނަމަ އާބާދީގެ ގޮތުން މަދު ރާއްޖެއަށް 96 މިލިއަން މީހުންގެ އާބާދީއެއްގެ ވިއެޓްނާމް ބަލިކުރެވިދާނެކަން ކުއާޓަރ ފައިނަލުގައިވެސް ދިވެހިން ވަނީ ސާބިތުކޮށްދީފައެވެ.

ރާއްޖޭގައި ބްރެކެޓް ޗެލެންގެ ފޯރިގަދަވެ ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް މީސްމީޑިއާގައިވެސް އަދި އެހެނިހެން ގޮތްތަކުންވެސް އެންމެ ބޮޑަށް ކެމްޕޭނުކޮށްފައިވަނީ ކުއާޓާފައިނަލުން ފެށިގެންނެވެ. ފޭސްބުކާއި ޓްވިޓާގައި އަދި އާއިލީ ވައިބާ އާއި ވަޓްސްއެޕް ގުރޫޕުތަކުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކޮށްފައެވެ.

މި ޗެލެންޖުގެ ސެމީފައިނަލުގައި ވާދަކުރާ ކުޅުންތެރިން ނިސްބަތްވާ ޤައުމުތަކަކީ ރާއްޖޭގެ އިތުރުން ހޮންކޮން އާއި މެލޭޝިއާގެ އިތުރުން ވިއެޓްނާމް އެވެ. އޭއެފްސީން ފާހަގަކޮށްފައިވާ ގޮތުގައި ކުއާޓާފައިނަލުގައި ހަތަރު ޤައުމުންވެސް ގިނަ އަދަދެެއްގެ ވޯޓު ލިބުނެވެ.

ސެމީފައިނަލުގެ ފުރަތަމަ ޗެލެންޖުގައި ވާދަކުރަނީ މެލޭޝިއާގެ ސަފާވީ ރާޝިދް އާއި ހޮންކޮންގެ ޗަން ސިއު ކީ އެވެ. މި ދެ ކުޅުންތެރިންނަށް ވޯޓުލުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު މިވަގުތުގެ ނަތީޖާތައް ދައްކާގޮތުން ކުރީގައި އުޅެނީ ސަފާވީ ރާޝިދެވެ.

މި ޗެލެންޖުގެ ކުއާޓާފައިނަލުގައި ވެސް ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމުގެ ކުޅުންތެރިއަކާއެވެ. ކުއާޓާގައި ގުޔެން ވެން ގުޔެޓް އާއި ވާދަކޮށް ދަގަނޑޭ ކާމިޔާބުކުރީ ކުޑަ ތަފާތަކުންނެވެ. ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތައެވެ. ވިއެޓްނާމުގެ ގުޔެން ވެން ގުޔެތް އަށް ލިބުނީ 48.55 އިންސައްތައެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިޔަށްދާ މި ޗެލެންްޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ. މިމެޗުގައި ދަގަނޑޭ ވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ.

2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ކާމިޔާބުކުރި ފަސް ލަނޑު - ވީޑިއޯ / ގޯލް.ކޮމް - ޔޫޓިއުބް

ސެމީފައިނަލުގައި ވޯޓުލުމުގެ ފުރުސަތު ހުޅުވާލުމާއެކު އަަޝްފާގަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން " އޭއެފްސީގެ ވެބްސައިޓް " މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށު ކުއްޖާ

    އެންމެން މޮޅުވާނޭ ކުރިންފަހަރުވެސް މޮޅުވިއޭ ކިޔާފަ ފޮނިވެފަ ދޫކޮށްގެން ތިބޭނީކީ ނޫން އިނގޭ🙃. ވޯޓުލާފަ ވޯޓު އިތުރުކުރަން މަސައްކަތް ކުރާނީ އިނގޭ🤗 ‏‎إن شاء الله މިފަހަރުވެސް އަޝްފާޤް ކާމިޔާބުކުރާނެ ❤️💪🏻🇲🇻💖

    27
    1
  2. ގައުމީ ދަރިއެއް

    އަޅުގަނޑު މިއަދު ތި ގޯލް ފުރަތަމަ ފަހަރަށް ބަލާލިން. ވ. ފުރިހަމަ ގޯލް އެއް. ހަމަ ގައުމީ ޖޯސް އާލާވެގެން ދިޔަ އީ

    22
    1