ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާ އުސޫލުތަކުގެ ދަށުން 13 އަހަރުންމަތީގެ ކުދިންނާއެކު ފުޓުބޯޅަ އެކަޑަމީތަކުގެ މަސައްކަތް ފެށުމުގެ ހުއްދަދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމުން ގެނެސްދޭ "ލެޓްސް ޓޯކް" ފުޓުބޯޅަ ޝޯގައި ވާހަކަދައްކަވަމުން އެއިދާރާގެ ޓެކްނިކަލް ޑިރެކްޓަރ އަހުމަދު ޝަރީފު (ޑުންގާ) ވިދާޅުވީ އެކަޑަމީތަކުގެ ހަރަކާތްތައް ފެށުމަށް އެޗްޕީއޭއިން ލުއިތަކެއް ދީފައިވާ ކަމަށާއި އެފްއޭއެމުގެ އިސްވެރިންނާއި ވާހަކަދެއްކުމަށްފަހު މިހާރު ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.

"އެސޯސިއޭޝަންގެ ވެރިންނާއި ވާހަކަދައްކާފަ މިހާރު އަޅުގަނޑުމެން ވާނީ ގޮތެއް ނިންމިފައި، އަންނަ ހަފުތާ ނިމުމުގެ ކުރިން އެކަޑަމީތަކުން ކޮންމެވެސް ކަހަލަ ކަންކަމެއް ފެށޭތޯ މަސައްކަތްކުރަމުން މިދަނީ، އެކަޑަމީތަކުން އަޅުގަނޑުމެން އެދިފައިވާނެ އެފަރާތްތަކުން މި ޕްރޮގްރާމް ކުރިޔަށް ގެންދެވިދާނެ ގައިޑްލައިނެއް ހެދިފަ ހުރެއްޖެއްޔާ ނުވަތަ ހަދާފަ އަޅުގަނޑުމެންނަށް ފޯރުކޮށްދޭށޭ" ޑުންގާ ވިދާޅުވިއެވެ.

ޑުންގާ ވިދާޅުވީ އެކަޑަމީތަކުން ހުށައަޅާ ކަންކަން އެފްއޭއެމުގެ މެޑިކަލް ޓީމުން ބެލުމަށްފަހު އެއަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށްފަހު ޔޫތު މިނިސްޓްރީއާއި އެޗްޕީއޭއަށް ހުށައަޅާނެ ކަމަށެވެ. އަދި އެ އެކަޑަމީއަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދެވޭނީ އެޗްޕީއޭއާއި ޔޫތު މިނިސްޓްރީން އެ ގައިޑްލައިންތައް ބަލައިގަތުމުން ކަމަށްވެސް ޑުންގާ ވިދާޅުވިއެވެ.

އެކަޑަމީތަކުގެ މަސައްކަތްތައް ފެށުމަށް މަސައްކަތްކުރަމުން އަންނައިރު އެންމެ ފުރަތަމަ މަސައްކަތް ފަށާނީ 13 އަހަރުންމަތީގެ ކުދިންނާއެކު އެކަޑަމީގެ ހަރަކާތްތައް ކުރިޔަަށްދިއުމަށް ކަމަށެވެ.

"އެއް ހަފުތާ މި ދިޔައީ އެކަޑަމީތަކާއި ކުލަބްތަކަށް މިވެނި ކަންކަން ފޯރުކޮށްދޭން، ރަނގަޅު ސަޕޯޓެއް ލިބުނު، ފޯރުކޮށްދިން ފަރާތްތަކަށް 13 އަހަރުންމަތީގެ ކުދިންނަށް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ އަޅުގަނޑުމެން ދޭނަން" ޑުންގާ ވިދާޅުވިއެވެ.

އެކަޑަމީތަކުގެ ހަރަކާތްތަކުގައި ރާއްޖޭގެ ގިނަ އަދަދެއްގެ އެކަޑަމީތައް ހަރަކާތްތެރިވެއެވެ. މީގެތެރެއިން އެންމެ ފުރަތަމަ ހުއްދަދޭން ނިންމާފައިވަނީ ފުރަތަމަ ޑިވިޝަނުގެ 8 ކުލަބަށެވެ. އަދި އޭގެފަހުން އެހެން އެކަޑަމީތަކަށް ފުރުސަތުދޭނެ ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރިޔަށްދާ ކަމަށް ޑުންގާ ވިދާޅުވިއެވެ.

ޑުންގާ ވިދާޅުވީ 13 އަހަރުންމައްޗަށް ހުއްދަދޭން ނިންމި ނަމަވެސް ހާލަތު ބަދަލުވާ ގޮތަކުން އެއަށްވުރެ ދަށް އުމުރުފުރާތަކަށް ފަރިތަކުރުމުގެ ހުއްދަދޭނެ ކަމަށެވެ.

"އެކަޑަމީތައް ހުއްޓިއްޖެއްޔާ ރާއްޖޭގެ ފުޓުބޯޅަ މި ހުއްޓެނީ، ކުލަބުތަކަށް ދޭ އިސްކަން އެކަޑަމީތަކަށްވެސް ދޭނަން، ހަމައެގޮތަށް ގްރާސްރޫޓްވެސް މުހިއްމު، ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް 13 އަހަރުންދަށަށް މި ހާލަތުގައި މަޑުޖެހުމެއް ގެންނަން ޖެހޭކަން ، ސިޓުއޭޝަން ދާ ގޮތަކުން އަޅުގަނޑުމެން އެކަމަށް ގޮތް ނިންމާނަން" ޑުންގާ ވިދާޅުވިއެވެ.

ރާއްޖޭގެ ފުޓުބޯޅަ އެކަޑަމީގެ ހަރަކާތްތައް މި ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ވަރަށް ފުޅާކޮށް ކޮށްފައެވެ. އެގޮތުން ރާއްޖެއާއި ބައިނަލްއަޤްވާމީ މުބާރާތްތަކުގައިވެސް ރާއްޖޭގެ އެކަޑަމީތައް ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.