ލިވަޕޫލްގެ ފޯވާޑު ސާޑިއޯ މާނޭ އޭނާގެ އަވަށް ކަމަށްވާ ބަމްބާލީގައި ތިބި ލިވަޕޫލް ސަޕޯޓަރުންނަށް 300 ލިވަޕޫލް ޖާޒީ ފޮނުވައިފިއެވެ. އޭނާ މި ޖާޒީތައް ފޮނުވާފައިވަނީ މާދަމާ ކުޅޭ ޗެމަޕިއަންސް ލީގު ފައިނަލުގައި ސަޕޯޓަރުން ލައިގެން ތިބުމަށެވެ.

މާނޭގެ އާއިލާ އިން އެއާއިލާގެ ތަރި މާދަމާ ޔޫކްރޭނުގައި ކުޅޭ ފައިނަލުގައި ލިވަޕޫލް އަށް އެޓީމުގެ 6 ވަނަ ޗެމަޕިއަންސް ލީގު ތަށި ހޯދައިދިނުމަށް މަސައްކަތް ކުރާއިރު އާއިލާގެ މީހުން އަދިވެސް ދިރިއުޅެނީ 2000 މީހުންގެ އާބާދީ އެއް އޮންނަ ސެނެގަލްގެ ބަމަބާލީ ގައެވެ.

26 އަހަރުގެ މާނޭ އަށާއި ބަމްބާލީގެ މީހުން އޭނާގެ ޓީމަށް ހިއްވަރު ދޭއިރު މާނޭ އެދެނީ މޮޅު ގޮތަކަށް ސަޕޯޓު ކުރުމަށެވެ. " ބަމްބާލީގައި އުޅެނީ 2000 މީހުން. އަވަށުގެ މީހުންނަށް ފޮނުވުމަށް އަހަރެން ގަނެފައިވަނީ 300 ޖާޒީ. އޭރުން ފައިނަލް ބަލާއިރު އެމީހުންނަށް ޖާޒީ ލައިގެން ސަޕޯޓު ކުރެވޭނެ" ބްރިޓިޝް މީޑިއާ އާއި ވާހަކަ ދައްކަމުން މާނޭ ބުންޏެވެ.

ރަޝިޔާގައި ކުރިޔަށްދާ ވޯލްޑް ކަޕު މިއަންނަ މަހުގެ 14 ގައި ފެށުމާއި ގުޅުގެން، ސެނެގަލް އަށް އުފަން މާނޭ އަށް ކުރިޔަށް އޮތް ދުވަސް ކުޅުގައި އޭނާގެ ގައުމަށް ދެވޭނެ ކަމާއި މެދު ޝައްކު ކުރެވޭނަމަވެސް އޭނާ ވަނީ އަވަށުގެ މީހުން ކުރާ ހިއްވަރަށް ޝުކުރު ކޮށްފައެވެ.

" އަވަށުގެ އެއްވެސް މީހަކު މިދުވަހު(ހޮނިހިރު) މަސައްކަތެއް ނުކުރާނެ، އަހަރެން ދެން ސެނެގަލް އަށް ދާނީ ވޯލްޑް ކަޕަށްފަހު، އަހަރެން އުއްމީދު ކުރަނީ އެނބުރި ގައުމަށް ދާއިރު މެޑަލް އެއް ހިފައިގެން ދިޔުން" މާނޭ ބުންޏެވެ.