ސައުދީ އަރަބިއްޔާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކުރައްވަމުން އަންނަ މަސައްކަތްޕުޅުގެ ތެރެއިން އެޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެނުންނަށް ހާއްސަ ފުޓުބޯޅަ ލީގެއް ބޭއްވުމުގެ މަސައްކަތް ފަށައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގެ ތިން ސަރަހައްދެއްގައެވެ. އެއީ ރިއާދް، ދައްމާމްގެ އިތުރުން ޖިއްދާގައެވެ. ސައުދީގެ ރިޕޯޓުތައް ބުނާގޮތުން މި މުބާރާތުގައި ޖުމްލަ 24 ޓީމެއް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޓީމުތަކަކީ ސައުދީގެ އެކި ހިސާބުތަކުން އަންނަ ޓީމުތަކެކެވެ.

މުޅިއަކު 500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވާނެ ކަމަށް ބެލެވޭ މި މުބާރާތް ފެށުމަށް މަސައްކަތްކުރަނީ އަންނަ އަހަރުގެ މާރޗްއ މަހުގެ ތެރޭގައިކަމަށް އެ ޤައުމުގެ ފުޓުބޯޅަ އިދާރާއިން މައުލޫމާތުދެއެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވާނަމަ މުބާރާތުގެ ތާރީޚަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެކެވެ.

ސައުދީ ސަރުކާރުން ވަނީ 2018 ވަނަ އަހަރު އަންހެނުންނަށް ސްޓޭޑިއަމްތަކަށް ގޮސް ފުޓްބޯޅަ މެޗުތައް ބެލުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީގފައެވެ. އޭގެ ކުރިން އެ ގައުމުގައި އަންހެނުން ކުޅިވަރުތަކުގައި ބައިވެރިވުމަކީ އެގައުމުގެ ސަގާފަތާއި ދީނީ އުސޫލުތަކުގެ ތެރެއިން ހުއްދަކުރާ ކަމެއް ނޫން ކަމަށް އިލްމުވެރިން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. ނަމަވެސް އެ ހުއްދަ ދިނީ އަންހެނުންނަށް ހަމަހަމަކަމާއެކު ކަންކަން ކޮށްދިނުމަށް ކަމަށް ބުނެއެވެ.

ސައުދީގެ މި ބޮޑު ނިންމުމާއި ގުޅިގެން ގިނަބަޔަކު ދަނީ މިކަމާއި އެއްކޮޅަށް ވާހަކަދައްކަމުންނެވެ. ހާއްސަކޮށް އެ ޤައުމުގެ ނޫސްވެރިންނާއި ސަރުކާރުގެ އިސްވެރިން ވަނީ ސޯޝަލް މީޑިއާގައި މިކަމަށް ތާއިދުކޮށް ވާހަކަދައްކާފައެވެ. އަދި މިއީ ހެޔޮ ބަދަލެއް ކަމަށާއި ކުރިޔަށްއޮތް ތަނުގައި އިތުރު ކުޅިވަރުތަކުންވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޅަބޭ

    އާޗާ. މާށާ ﷲ. އިއްޔެ ސައޫދީ އަރަބިއްޔާޢައް ސުނޯ ފޭބީ. މިއަދު އަންހެން ފުޓުބޯޅަ ޓީމެއް.

    3
    4