ވީޑިއޯ ގޭމް ކުޅުމަށް ލޯބިކުރާ މީހުން އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އައި ސޮނީގެ ޕްލޭސްޓޭޝަން ފަހެއް (ޕީއެސް ފަހެއް) ޔޫރަޕުގެ ބާޒާރަށް ނުކުތުމާއެކު އިޓަލީގެ އޭސީ މިލާނާށް ކުޅެމުން އަންނަ ސްވިޑަންގެ ތަރި ޒްލަޓަން އިބްރަހިމޮވިޗް އޭނާއާއެކު މިލާނަށް ކުޅެމުން އަންނަ ކުޅުންތެރިންނަށް ޕީއެސް ފަހެއް ހަދިޔާއެއްގެ ގޮތުގައި ދީފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ސޮނީއިން ޕީއެސް ފަހެއް ލޯންޗް ކޮށްފައިވާއިރު ޔޫރަޕުގެ ބާޒާރުގައި ޕީއެސް ވިއްކަން ފަށާފައިވަނީ މިއަދުއެވެ. އަބަދުވެސް ޕީއެސްގެ އެންމެ ފަހުގެ މޮޑެލް ނުކުތުމާއެކު ގިނަ ފަރާތްތަކަކުން އެތައް ގަޑިއިރެއް ވަންދެން ކިއުގައި ޖެހުމަށްފަހު މިގޭމް ހޯދަމުންދާ އިރު އޭސީ މިލާނުގެ ކުޅުންތެރިން ވަނީ އިބްރަހިމޮވިޗް ދިން މިހަދިޔާއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޝުކުރު އަދާކޮށްފައެވެ.

ސަމޫ ކާސްޓިއެހޯ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯ

އެގޮތުން އޭސީ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު މަޓީއޯ މުސާކިއޯ އާއި ސަމޫ ކާސްޓިއެހޯ ވަނީ މިދެކުޅުންތެރިންގެ އިންސްޓާގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި އިބްރަހިމޮވިޗް ދިން ޕީއެސް ފަހެއްގެ ފޮޓޯއެއް އެޓޭޗްކޮށް އޭނާއަށް ޝުކުރު އަދާކޮށްފައެވެ. އަދި އެޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ފޯވާޑް ރަފޭލް ލިއާއޮ ވަނީ އިބްރާހިމޮވިޗް ދިން ޕީއެސް ފަހެއްގެ ފޮޓޯއެއް އެޓޭޗްކޮށް "ގޯޓް" އަށް ޝުކުރު އަދާކުރާކަމަށް ބުނެ ޕޯސްޓެއްވެސް ކޮށްފައެވެ.

ރަފޭލް ލިއާއޮ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯ

އެކުގައި އެއް ޓީމަކަށް ކުޅޭ ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް އިބްރަހިމޮވިޗް ކުރި މިއަމަލަށް އާންމުންގެ ފަރާތުން ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުުން ބައެއް ފަރާތުން އޭނާ އަސްލު ލީޑަރެއްގެ ގޮތުގައި ސިފަކޮށްފައިވާ އިރު އަނެއް ބައި ފަރާތްތަކުން އިބްރަހިމޮވިޗް ސިފަކޮށްފައިވަނީ ދަނޑުމަތީގައި ވެސް އަދި ދަނޑުން ބޭރުގަ ވެސް ނަމޫނާ ދައްކާ ނަމޫނާ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ނަމަވެސް ބާޒާރަށް ޕީއެސް ފަހެއް ދޫކޮށްލިތާ 24 ގަޑިއިރުވެސް ނުވަނީސް ޕީއެސް ލިބުމުގައި ދަތިތަކެއް ހުރުމުން އެކަން އެހެން ވަނީ އިބްރަހިމޮވިޗް ބާޒާރުގައި ހުރި ހުރިހާ ޕީއެސް އެއް ގަތުމުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުންވަނީ އެފަރާތްތައް ކިއުގައި ހުރެގެން ހޯދާ ޕީއެސް މުއްސަނދި ނުފޫޒު ގަދަ ފަރާތްތަކުން ނުފޫޒުގެ ބޭނުންކޮށްގެން ޕީއެސް ގަންނަ ކަމަށް ބުނެ ފާޑު ކިޔައިފައެވެ.

މިއަހަރުގައި އޭސީ މިލާނަށް އަލުން ބަދަލުވި 39 އަހަރުގެ އިބްރަހިމޮވިޗް ދަނީ ދަނޑުމަތީގައި މޮޅު ކުޅުމެއް ދައްކާ އެޓީމުން ނެރެމުންދާ ރަނގަޅު ނަތީޖާތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިސީޒަނުގައި އޭނާ އޭސީ މިލާނަށް 9 ލަނޑު ކާމިޔާބުކޮށްދީފައި ވެއެވެ.