ހދ. ނޮޅިވަރަމު "މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)" ޖަމްއިއްޔާއިން އިސްނަގައިގެން އެ ރަށުގެ އަންހެނުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ކުއާޓާފައިނަލުގެ ފަހު ޖާގަތައް މެޑްރިޑް، ޗަކުލީ އަދި ސްޓެއިންއަށް ލިބިއްޖެއެވެ.

މި ތިން ޓީމާއެކު މުބާރާތުގެ ކުއާޓާފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފައިވާ ޓީމުތަކަކީ ކަންމަތި، ގްރޫޕް ބީގެ އެއްވަނައިގައި އޮތް ސްޓޫޑިއޯ ގާލްސް، ގްރޫޕް އޭގެ އެއްވަނައިގައި އޮތް ކުލަބް ކްލަސްޓާ، އަދި ގްރޫޕް ސީގެ އެއްވަނައިގައި އޮތް ކަނބަލުން އެވެ.

ކުއާޓާފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ އާދީއްތަދުވަހު ބައްދަލުކުރާނީ ކުލަބް ކުލަސްޓާއާއި މެޑްރިޑް ގާލްސްއެވެ. އެ ދުވަހު ކުޅޭ ކުއާޓާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސްޓޫޑިއޯ ގާލްސް އާއި ކަނބަލުން އެވެ. ހޯމަދުވަހު ކުޅޭ ކުއާޓާފައިނަލުގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ކަންމަތި އަދި ޕަނީ ގާލްސްއެވެ. އެ ދުވަހު ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ސްޓެއިން އަދި ޗަކުލީ އެވެ.

މުބާރާތުގައި މިއަދު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ކޭޖީ ގާލްސްއާއި މެޑްރިޑް ގާލްސްއެވެ. މި މެޗު ނިމުނީ 5-5 އިން އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނާހިޔަތު އަބްދުލް ހަމީދު އެވެ.ދެވަނަ މެޗުގައި ބައްދަލުކުރީ ޓީމު އަވައްޓެރިން އާއި ކަންމަތި އެވެ. މި މެޗު 8-0 އިން ކާމިޔާބުކުރީ ކަންމަތި އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނަދުހާ އަހުމަދެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މާދަމާ ކުޅޭނީ ފަހު މެޗެވެ. މި މެޗުގައި ބައްދަލުކުރާޏީ ކުރިމަގު އަދި އަލް ނިސާ އެވެ. މި ދެ ޓީމުވެސް ވަނީ މުބާރާތުން ކަޓާފައެވެ.

ޖުމްލަ 13 ޓީމާއެކު ބާއްވާ މި މުބާރާތް ކުރިޔަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ޗަކުލީ ގާލްސް، ކުރިމަގު، ސްޓެއިން، ކުލަބް ކްލަސްޓަރ އަދި އަލް ނިސާ އެވެ.

ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ކޭޖީ ގާލްސް، ޕަނީ ގާލްސް، ސްޓޫޑިއޯ ގާލްސް، އަދި މެޑްރިޑް ގާލްސް އެވެ. މީގެއިތުރުން ގްރޫޕް ސީގައި ހިމެނޭ ޓީމުތަކަކީ ޓީމު އަވައްޓެރިން، އެމްއެމްއެސް، ކަނބަލުން އަދި ކަންމަތި ޓީމެވެ. މިއީ އެ ރަށުގައި އަންހެނުންނަށް ހުޅުވާލައިގެން އެމްއެމްއެސް އިން ބާއްވާ ފުރަތަމަ ހޭންޑްބޯޅަ މުބާރާތެވެ.