ގއ. ކަނޑުހުޅުދޫގައި ކުރިއަށްދާ ލިބޭ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު މެޗުތަކުން ކަންމަތި ސްޕޯޓްސް ކްލަބާއި އެފްސީ އެސްޕާޑާ މޮޅުވެއްޖެ އެވެ.

މިރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ކަންމަތި އާއި ގެމަނަފުށި ސްޕޯޓްސް ކްލަބެވެ. މި މެޗު ކަންމަތި ކާމިޔާބުކުރީ ފަސޭހަކަމާއެކު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ކަންމަތިން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ. ކަންމަތީގެ ފުރަތަމަ ގޯލް ޖަހައި އެ ޓީމަށް ލީޑު ނަގައިދިނީ ޖާޒީ ނަންބަރު 06 އަދި އެ ޓީމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) އެވެ. އޮންލީގެ ގޯލަށްފަހު ވެސް މުޅި މެޗްހެން ޑޮމިނޭޓް ކުރަމުންދިޔަ ކަންމަތިން ދެވަނަ ފަހަރަށް އިދިކޮޅު ގޯލު ފޫއަޅުވާލީ ޖާޒީ ނަންބަރު 07 ރިފްޝާން ރަޝީދު (ރުއްޕޭ) ކާމިޔާބުކުރި ގޯލުންނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ކަންމަތި ޓީމުންނެވެ. މި ހާފުގައި ކަންމަތިން ކާމިޔާބުކުރި ހަތަރު ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޖާޒީ ނަންބަރު 10 އަޔާޒް އަހުމަދު (އަޔާ) އެވެ.

މެޗުގައި ގެމަނަފުށި ސްޕޯޓްސް ކްލަބުން ޖެހި ހަމައެކަނި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 79 އަލީ ޝާޒް ހަބީބެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަޔާޒް އަހުމަދު (އަޔާ) އެވެ.

މިރޭ ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ވަކަރުގޭ ސްޕޯޓްސް ކުލަބާއި އެފްސީ އެސްޕާޑާ އެވެ. ކަނޑުހުޅުދޫ އަށް ނިސްބަތްވާ މި ދެ ކްލަބުގެ ކުރިމަތިލުން އެސްޕާޑާ ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރިހޯދީ ވެސް އެސްޕާޑާ އެވެ. ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އިދިކޮޅު އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން މި ގޯލް ކާމިޔާބުކުރީ ޖާޒީ ނަންބަރު 09 އަލީ ހާފިޒް (ހާއްޕެ) އެވެ. ހާއްޕެ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ހިތްގައިމު ހިލޭ ޖެހުމަކުން ހާއްޕެ އެސްޕާޑާ އަށް ކުރިހޯދައި ދިންތާ މާގިނަ އިރެއް ނުވަނީސް އޭނާ ވަނީ ދެވަނަ ގޯލެއް ޖަހައި އެސްޕާޑާގެ ލީޑު ފުޅާކޮށްދީފައެވެ. ދަނޑުގެ މެދެއްހާ ހިސާބުން ހާއްޕެ ވައަތު ފައިން މިފަހަރު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އެސްޕާޑާގެ ތިންވަނަ ގޯލް ދެވަނަ ހާފުގެ 9 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޖާޒީ ނަންބަރު 11 އަހުނަފް ޒާހިރު އެވެ. ވަކަރުގޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ހާއްޕެ ޖައްސާލި ބޯޅަ ގޯލް ކުރިމަތީ ހުހަށް ހުރި އަހުނަފް ގޯލުގެ ތެރެއަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ.

މެޗްގައި ވަކަރުގޭ ޓީމުން ޖެހި ހަމައެކަނި ގޯލް މެޗް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ޖާޒީ ނަންބަރު 10 އިބްރާހިމް ހާމިދު އެވެ. އިދިކޮޅު ދެ ކުޅުންތެރިޔަކު ކައިރީގައި ވިއްދާފައި ވަނިކޮށް ވައުތު ފައިން ހާމިދު ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ލިބޭ ފުޓްސަލް މުބާރާތުގައި މާދަމާ ވެސް ތިން މެޗެއް ކުޅޭނެ އެވެ. މާދަމާ ހަވީރު 16:30 ގައި ކުޅޭ މެޗްގައި ބައްދަލުކުރާނީ އެސްޕާޑާ އަދި ގެމަނަފުށި ސްޕޯޓްސް ކްލެބެވެ. މާދަމާ ރޭ 20:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބޮއްކުރާ އެފްސީ އަދި ވަކަރުގޭ އެވެ. މާދަމާ ރޭ ކުޅޭ ދެވަނަ މެޗްގައި ކަންމަތި ސްޕޯޓްސް ކްލަބުން ނުކުންނާނީ އާރުޑީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މި އަހަރު މުޅި ހުވަދު އަތޮޅުގައި ވެސް ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރަކީ "ލިބޭ" އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އޮންލައިނެވެ.