އިޓަލީގެ ކުޅިވަރު ނޫހަކުން ހޮވާ ގޯލްޑަން ބޯއި އެވޯޑްގެ މި އަހަރުގެ އެވޯޑް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިންގް ބްރައުޓް ހާލެންޑް ހޯދައިފިއެވެ.

އިޓަލީގެ ޓުޓޯސްޕޯޓްސް ނޫހުން ހޮވާ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ދޭ މި އެވޯޑަކީ ކޮންމެ އަހަރަކުވެސް ޔޫރަޕުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ޓީމަށް އެންމެ ފައިދާ ހުރި ކުޅުމެއް ދައްކާ ޒުވާން ކުޅުންތެރިއާއަށް ދޭ އެވޯޑެކެވެ.

މިދިޔަ އަހަރު މި އެވޯޑް ހޯދާފައިވަނީ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ފޯވާޑް ޖޮއާއޮ ފީލިކްސްއެވެ.

ހާލެންޑް މިއެވޯޑް ހޯދީ ފާއިތުވި ސީޒަނުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ޑޯޓްމަންޑްގެ ޖޭޑަން ސަންޗޯ އާއި ބަޔާން މިއުނިކުގެ އެލްފޮންސޯ ޑޭވީޒްގެ އިތުރުން މެންޗަސްޓަރ ޔުނައިޓެޑުގެ މޭސަން ގްރީންވުޑް އަދި ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފަޓީ އާއި ވާދަކޮށް ކުރިހޯދައިގެންނެވެ.

ހާލެންޑުވަނީ 2019/20 ވަނަ ފުޓުބޯޅަ ސީޒަނުގައި ޖުމްލަ 44 ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން 16 ލަނޑަކީ މިދިޔަ އަހަރު އޮސްޓްރިއާގެ ސަލްސްބާގުގައި ހުރެފައި ޖަރުމަނުގެ ޑޯޓްމަންޑަށް ބަދަލުވުމަށްފު ކުޅުނު 18 މެޗުން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެވެ.

މިސީޒަނުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާލެންޑް މިހާތަނަށް މިސީޒަނުގައި ޑޯޓްމަންޑަށް ކުޅެދިން ހަމެޗުން އޭނާވަނީ ޖުމްލަ 6 ލަނޑު ކާމިޔާބުކޮށް ދެލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ހާލެންޑް ސަލްސްބާގުން ޑޯޓްމަންޑަށް 2019 ވަނަ އަހަރު ބަދަލުވީ 20 މިލިއަން ޔޫރޯއަށެވެ.