ކުޅުންތެރިންގެ ބޮލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ފަރިތަކުރުންތަކުގައި ބޮލުން ކުޅުން ވީހާވެސް މަދުކުރުމަށް ކުޅުންތެރިންގެ ހައްގުގައި ވަކާލާތުކުރާ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ބުނެފިއެވެ.

ޕީއެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޓުބޯޅަ މެޗުތަކާއި ފަރިތަކުރުންތަކުގައި ބޮލުން ކުޅޭ މިންވަރު ރަނގަޅަށް ބަލާ މޮނީޓާކުރަންވާނެ ކަމަށެވެ.

"އެބަޖެހޭ ބޮލުން ކުޅޭއިރު ރަނގަޅަށް ބަލަން، އެއީ ކުޅުންތެރިންނަށް ގެއްލުންވާ މިންވަރު މިވީހާ ތަނަށް ބެލިފަ ނެތް، ފުޓުބޯޅައިގެ އެކި ލެވެލްތަކުގައި ބޮލުން ކުޅޭ މިންވަރު ރަނގަޅަށް ބަލާ، ދިރާސާކުރަން ޖެހޭ" ޕީއެފްއޭގެ ޗީފް އެގްޒެގެޓިވް ގޯޑަން ޓެއިލާ ވިދާޅުވިއެވެ.

މި ގޮވާލުމަށް އިޖާބަދީ ސްކޮޓްލޭންޑްގެ ފުޓުބޯޅަ ކުޅުންތެރިންގެ ޔޫނިއަނުންވެސް ވަނީ އަންނަމަހު އެ ޤައުމުގެ ކުޅުންތެރިން ފަރިތަކުރުންތައް ފަށާއިރު މިކަމަށް ގޮވާލުމަށް ނިންމާފައެވެ.

ފުޓުބޯޅަ ކުޅުމުގެ ތެރޭގައި މިވީހާތަނަށް ގިނަ އަދަދެއްގެ ކުޅުންތެރިންނަށް ވަނީ ބޮލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކެރިއަރު ނިންމާލަން ޖެހިފައެވެ. އެގޮތުން ހަނދާންނެތުމުގެ ބައްޔާއި ސިކުނޑިއަށް ލިބޭ ޝޮކުތަކުގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ވަނީ ފުޓުބޯޅައިން ދުރަށް ގޮސްފައެވެ.

ނަމަވެސް ޕީއެފްއޭއިން ދެއްކި މި ވާހަކަތަކަށް މީގެކުރިން ފުޓުބޯޅަ ކުޅެން އުޅެނިކޮށް ބޮލަށް ގެއްލުންވި ކުޅުންތެރިންގެ އާއިލާތަކުން މާބޮޑު އެއްބާރުލުމެއް ނުދެއެވެ.

ޕީއެފްއޭއިން މިކަމަށް ވަކާލާތުކުރާއިރު 1966 ގެ ވޯލްޑްކަޕް ތަށި އުފުލާލި އިނގިރޭސި ޓީމުގައި ހިމެނޭ ނޮބީ ސްޓައިލްސްގެ އާއިލާއިން މި ހަފުތާގެ ތެރޭގައި ޓާސްކްފޯހެއް އެކުލަވާލާ، ފުޓުބޯޅަ ކުޅުމުގެ ތެރޭގައި ސިކުނޑިއަށް ލިބޭ ގެއްލުންތައް ބަލާ ދިރާސާކުރުމަށް ނިންމާފައެވެ. ކުރިން މެންޗެސްޓަރ ޔުނައިޓެޑާއި އިނގިރޭސި ޤައުމީ ޓީމުގެ މިޑްފީލްޑަރު މަރުވީ މިދިޔަ މަހު އުމުރުން 78 އަހަރުގައެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާއަށް ވަނީ ޕްރޮޮސްޓޭޓް ކެންސަރާއި ޑެމެންޓިއާ( ހަނދާންނެތޭ ބަލި) ޖެހިފައެވެ.

ނޮބީގެ އާއިލާއިން ވަނީ ޕީއެފްއޭއާއި އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ. އަދި ޑެމެންޓިއާ އަކީ ސީރިއަސް މައްސަލައެއް ކަމަށާއި ފުޓުބޯޅަ ކުޅުންތެރިންނާއި ޓީމުތަކުން މިކަމަށް ހޭލުންތެރިވުން މުހިއްމުކަމަށް އެ އާއިލާއިން ވަނީ ގޮވާލާފައެވެ. ނޮބީ ސްޓައިލްސް އަކީ އެފަހަރު އިނގިރޭސި ޓީމުން ވޯލްޑްކަޕްގެ ތަށި އުފުލާލި ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ސިކުނޑިއަށް ގެއްލުން ލިބުނު ފަސް ކުޅުންތެރިންގެ ތެރެއިން އެކަކެވެ.

ޕީޢެފްއޭއިން ދަނީ މިކަމާއި ގުޅޭގޮތުން ކުލަބުތަކާއި ކުޅުންތެރިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވަމުންނެވެ.

"ސައިންސްގެ އަލީގައި ޒަމާނަށް އައި ކުރިއެރުމާއެކު އެބަޖެހޭ މިކަން ރަނގަޅަށް ބަލާ ދިރާސާކުރަން، އަދި އެ ދިރާސާތަކަށް ބިނާކޮށް އަވަސް މުސްތަގްބަލެއްގައި ގޮތްތަކެއް ނިންމަންޖެހޭ" ޕީއެފްއޭގެ ޗެއާމަން ބެން ޕާކިސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު