ގއ. ކަނޑުހުޅުދޫގައި ކުރިއަށްދާ ލިބޭ ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ގެމަނަފުށި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް އެފްސީ އެސްޕާޑާ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދުމާއި ކައިރިއަށް ޖެހިލައިފި އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗް އެސްޕާޑާ އިން ކާމިޔާބުކުރީ 5-1 އިންނެވެ. މި މެޗްގައި އެސްޕާޑާ އަށް ގޯލްތައް ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އާއި އިބްރާހިމް މުބީން (މުއްކި) އާއި އަރުޝަދު ލަތީފްގެ އިތުރުން ޒައިން ނިޔާޒް އެވެ. މީގެ ތެރެއިން ހާއްޕެ ވަނީ މެޗްގައި 2 ގޯލް ކާމިޔާބުކޮށްފައެވެ. މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ހާއްޕެ ވަނީ މިހާތަނަށް މުބާރާތުގައި އޭނާ ކުޅުނު ދެ މެޗުން 5 ގޯލް ޖަހައިފައެވެ.


އެސްޕާޑާ
އިން އެ ޓީމްގެ ދެވަނަ މެޗް ވެސް ފަސޭހަކަމާއެކު ކާމިޔާބުކުރި އިރު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު އެ ޓީމް މިވަގުތު އޮތީ ލީގް ތާވަލުގެ އެއް ވަނަ މަގާމުގަ އެވެ. މުބާރާތުގައި އެސްޕާޑާ ކުޅުނު ފުރަތަމަ މެޗްގައި އެ ޓީމުން ވަނީ ވަކަރުގޭ ސްޕޯޓްސް ކްލަބުގެ މައްޗަށް ފަސޭހަކަމާއެކު 3-1 ގެ ނަތީޖާ އަކުން ކުރިހޯދައިފައެވެ.


ލިބޭ
ފުޓްސަލް މުބާރާތުގައި މިރޭ ދެ މެޗެއް ކުޅޭނެ އެވެ. މިރޭ 20:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބޮއްކުރާ އެފްސީ އަދި ވަކަރުގޭ އެވެ. ބޮއްކުރާ އަދި ވަކަރުގޭ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާތީ މިރޭގެ މެޗަކީ މި ދެ ޓީމަށްވެސް މޮޅުވުން މުހިއްމު މެޗެކެވެ. މިރޭ ކުޅޭ ދެވަނަ މެޗްގައި ކަންމަތި ސްޕޯޓްސް ކްލަބުން ނުކުންނާނީ އާރުޑީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ކަންމަތި ކުޅުނު ފުރަތަމަ މެޗްގައި އެ ޓީމުން ގެމަނަފުށި ސްޕޯޓްސް ކްލަބް ބަލިކުރި އިރު އާރުޑީ މިރޭގެ މެޗާ ކުރިމަތިލަނީ ބޮއްކުރާގެ މައްޗަށް އިއްޔެ ހަވީރު ހޯދި މޮޅާއެކު އެވެ.

މި އަހަރު މުޅި ހުވަދު އަތޮޅުގައި ވެސް ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރަކީ ލިބޭ އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އޮންލައިނެވެ.