އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށްގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް"ގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޮންގ ކޮންގްގެ ސައުތް ޗައިނާ ކްލަބަށް ކުޅެމުން އަންނަ ޗޭން ސިއު ކީ ހޯދައިފިއެވެ.

އޭނާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި މެލޭޝިއާގެ ސަފާވީ ރާޝިދްގެ މައްޗަށް ކުރިހޯދައިގެނެވެ.

މިއަދު މެންދުރު 13:00 އަށް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ޗޭން ސިއު ކީއަށް ލިބިފައިވަނީ ވޯޓުލީމީހުންގެ 51.61 އިންސައްތަ ވޯޓު ހޯދައިގެނެވެ. ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.

މި ޗެލެންޖުގައި ޗޭން ސިއު ކީ ޖެހި ގޯލުތަކުގެ ތެރެއިން ޗެލެންޖަށް ހުޅުވާލާފައިވަނީ އޭއެފްސީ ކަޕުގައި 2015 ވަނަ އަހަރު އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާއިން ޖެހި ގޯލެވެ. ސެމީގައި ޗޭން ސިއު ކީ އާއި ވާދަކުރި ސަފާވީ ރާޝިދްގެވެސް ހުށަހަޅާފައިވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ސެމީފައިނަލުގައިި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވާދަކުރަނީ ވިއެޓްނާމުގެ ގުޔެން ގުއެންގް ހައި އެވެ. އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން ކުރީގައި އޮތީ އަޝްފާގެވެ. އަޝްފާގަށް ވޯޓު ހޯދާދިނުމަށް ރާއްޖޭގައި މީސްމީޑިއާގައި ބޮޑު ކެމްޕޭނެއް ކުރަމުންދާއިރު ކުއާޓާ ފައިނަލުން ފެށިގެން ކުރިއަށްދާ މިކެމްޕޭނުގެ ސަބަބުން ނަތީޖާއަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ އަންނަމުންނެވެ.

ސެމީފައިނުލުގައި އަޝްފާގާއި ގުޔެން ގުއެންގް ހައިގެ ކުރިމަތިލުމަށް ވޯޓުލުމުގެ ސުންގަޑިއަކީ މާދަމާ މެންދުރު 13:00 އެވެ. އަޝްފާގަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އޭއެފްސީ ވެބްސައިޓް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.