އުމުރުން 50 އަހަރުވިޔަސް އެއްފައި ބޭނުންކޮށްގެންވެސް އިބްރަހިމޮވިޗް އަށް އެންމެމަތީ ފަންތީގައި ފުޓުބޯޅަ ކުޅެވޭނެކަމަށް ބުނެ އިޓަލީގެ ފުޓުބޯޅަ ލެޖެންޑް ފްރެންޗެސްކޯ ޓޮޓީ އިބްރަހިމޮވިޗް އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.

ބޮލޯނީ އެފްސީގެ ކޯޗް ސިނިސާ މިހިލްޖޮވިޗްގެ އޮޓޯބަޔޮގްރަފީ ލޯންޗް ކުރުމުގެ ހަފްލާގައި އިބްރަހިމޮވިޗް އާއި ވާހަކަދައްކަމުން ޓޮޓީ ބުނީ އިބްރަހިމޮވިޗް އަކީ އެފަދަ ދެވަނައެއް ނެތް ކުޅުންތެރިއެއް ކަމަށާއި އުމުރުން 50 އަހަރުގައިވެސް އޭނާ ހަމަ މިހާރުވެސް ކުޅޭ ފެންވަރުގައި ކުޅޭނެ ކަމަށެވެ.

އަދި އިބްރަހިމޮވިޗް މިހާރު ކެރިއަރުގައި 500 ލަނޑު ހަމަކުރުމާއި ގާތައް ޖެހިލާފައިވާއިރު އަވަސް މުސްތަގްބަލެއްގައި އޭނާގެ ކުޅުމުގެ ފެންވަރު ދައްވެދާނެ ކަމަށް ގަބޫލް ނުކުރާކަމަށްވެސް ޓޮޓީވަނީ ބުނެފައެވެ.

މީގެއިތުރުން މި ހަފްލާގައި މިހިލްޖޮވިޗް ވަނީ އިބްރަހިމޮވިޗާއި ޓޮޓީއަށްވެސް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ. އެގޮތުން އޭނާ ބުނީ މިދެކުޅުންތެރިން އެކުގައި އެއްޓީމަކަށް ނުކުޅުން އެއީ އެހެން ޓީމުތަކަށް ލެއްވި ރަހުމަތެއް ކަމުގައި ކަމަށާއި މިދެކުޅުންތެރިން ޓީމެއްގެ ފޯވާޑްލައިނުގައި ތިބެއްޖެނަމަ އެޓީމަކުން މިހާރަށްވުރެ ދެގުނަ އިތުރަށް ގޯލު ޖަހާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް އެނބުރި އޭސީމިލާނަށް ބަދަލުވީ މިއަހަރުގައެވެ. އަދި މިހާތަނަށް އިޓާލިއަން ލީގުގައި އޭނާ ވަނީ އެޓީމުން ކުޅުނު ފަސްމެޗުން 8 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ލީގުގެ އެއްވަނައިގައި ދެޕޮއިންޓްގެ ލީޑަކާއެކު އެޓީމު އޮތުމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ އިބްރަހިމޮވިޗްއެވެ.