ކުރިއަށް އޮތް ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތިންވަނަ ބުރުގައިވެސް އަށް ޓީމު ކުޅޭނެ ކަމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމް އިން ބާއްވަމުންދާ "ލެޓްސް ޓޯކް ފުޓްބޯލް" ޕްރޮގްރާމުގައި ވާހަކަދައްކަމުން އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ހެޑް އިސްމާއިލް ރިޔާޒް ވިދާޅުވީ މިހާރު ރާވާފައިވަނީ ލީގުގައި ބައިވެރިވާ އަށް ޓީމުވެސް ތިން ބުރުގައިވެސް ކުޅޭ ގޮތަށް ކަމަށެވެ. އަދި ލީގަށްފަހު މި ސީޒަނުގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުރިއަށްގެންދާ ގޮތަށް ނިންމާފައިވާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

އެހެންނަމަވެސް މިފަހަރުގެ ލީގުގައި އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ނުދޭން ނިންމާފައިވާކަމަށްވެސް ރިޔާޒް ވަނީ ވިދާޅުވެފައެވެ. ކޮވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަނުގައި އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވިފައިނުވާތީ އާއިއެކު އަތޮޅުތަކުން އައިސް މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޓީމުތަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެތީއެވެ.

މި އަހަރުގެ ސީޒަން ފަށަން އެފްއޭއެމުން އެންމެ ފުރަތަމަ މަސައްކަތްކުރީ ޖޫން މަހު އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ސީޒަން ފެށުން ލަސްވިއިރު، އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފެށުމަށް އެފްއޭއެމުން ވަނީ ތާވަލުކޮށްފައެވެ. މި ފަހަރުގެ ލީގުގައި ވާދަކުރާ މާލޭގެ އަށް ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކުލަބު، ކުލަބު އީގަލްސް، ކުލަބު ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު، ޔުނައިޓެޑް ވިކްޓަރީ، ކުލަބު ވެލެންސިއާ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.