ގއ. ކަނޑުހުޅުދޫގައި ކުރިއަށްދާ ލިބޭ ފުޓްސަލް މުބާރާތުގައި މިރޭ އެފްސީ ބޮއްކުރާ އާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ވަކަރުގޭ ސްޕޯޓްސް ކްލަބުން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ވަކަރުގޭ އަދި ބޮއްކުރާވެސް ވަނީ އެ ދެ ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. ދެ ޓީމަށްވެސް މޮޅެއް ހޯދުން މުހިއްމުވެފައި އޮތުމުން މިރޭގެ މެޗް ފޯރިގަދަވާނެކަން ކުރިން ވެސް އޮތީ ބެލެވިފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗް ވަކަރުގޭ ކާމިޔާބުކުރީ 3-2 އިންނެވެ.

ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗްގައި ފުރަތަމަ ގޯލް ޖަހައި ކުރިހޯދީ ވެސް ވަކަރުގޭ އެވެ. މެޗްގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ވަކަރުގޭ އަށް ލީޑް ނަގައިދިނީ ކެޕްޓަން އިސްމާއިލް އަންވާރު އެވެ. މިއީ އޭރިއާ ތެރެއިން ވަކަރުގޭގެ އިބްރާހިމް ހާމިދް އަށް ބޮއްކުރާގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ އެ ޓީމަށް ދިން ޕެނަލްޓީއެކެވެ.

އެއް ގޯލުގެ ލީޑެއްގައި ވަކަރުގޭ ކުރީގައި އޮވެ ފުރަތަމަ ހާފް ނިމެމުން ދަނިކޮށް ބޮއްކުރާއަށް އެއްވަރުކޮށްދިނީ އަހުމަދު ރިފްޝާން އެވެ. އިދިކޮޅު ހާފުގެ މެދެއްހާ ހިސާބުން ތިރިތިރިން އަހުމަދު ރިފްޝާން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ވަކަރުގޭ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައެވެ.

ވަކަރުގޭ އިން ދެވަނަ ފަހަރަށް ލީޑް ނެގީ ވެސް ކެޕްޓަން އަންވާރު ކާމިޔާބުކުރި ޕެނަލްޓީ އަކުންނެވެ. މިއީ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކަށް ބޮއްކުރާގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަކަރުގޭ އަށް ދިން ޕެނަލްޓީއެކެވެ.

ލީޑް ނެގުމަށްފަހު ވެސް ވަކަރުގޭ އިން ދިޔައީ އިދިކޮޅު ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި ވަކަރުގޭ އިން އުފެއްދި ކައުންޓާ ހަމަލާއެއްގައި މުޅިން ހުހަށް ހުރެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އަންވާރު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް އެޓީމްގެ ލީޑް ދެ ގޯލަށް ފުޅާކޮށްދީފަ އެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ބޮއްކުރާއަށް ފަރަގު ކުޑަކޮށްދިނީ އަލީ މުހައްމަދު އެވެ.

ބޮއްކުރާ އަދި ވަކަރުގޭ ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިސްމާއިލް އަންވާރު އެވެ.

މުބާރާތުގައި ވަކަރުގޭ ކުޅޭ ތިންވަނަ މެޗްގައި އެ ޓީމް ނުކުންނާނީ ގެމަނަފުށި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގަ އެވެ. އަނެއްކޮޅުން ބޮއްކުރާ ދެން ނުކުންނާނީ ކަންމަތި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ލިބޭ ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރަކީ ލިބޭ އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އޮންލައިނެވެ.

ކިޔުންތެރިންގެ ހިޔާލު