ގއ. ކަނޑުހުޅުދޫގައި ކުރިއަށްދާ ލިބޭ ފުޓްސަލް މުބާރާތުގައި މިރޭ އާރްޑީ ސްޕޯޓްސް ކްލަބުގެ މައްޗަށް ފަހަތުން އަރައި ހޯދި މޮޅާއެކު ކަންމަތި ސްޕޯޓްސް ކްލަބުން އެ ޓީމްގެ ބަލިނުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗްގައި ފެނިގެންދިޔަ ފުރަތަމަ ދެ ގޯލް ޖެހީ އާރުޑީ އެވެ. އާރްޑީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކިއިރު އެ ޓީމްގެ ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ޖެހީ އިބްރާހިމް އަސްވާދް (ގަބޭ) އެވެ. ކަންމަތީގެ ކުޅުންތެރިޔަކު ކައިރީގައި ވިއްދާފައި އޮއްވައި ގަބޭ ވައަތު ފައިން ތިރިތިރިން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

އާރުޑީގެ ދެވަނަ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަޒްލީން މުހައްމަދު އެވެ. ކަންމަތީގެ ތިން ކުޅުންތެރިޔަކު ކައިރިން ނައްޓާލުމަށްފަހު އޭރިއާ ބޭރުން ފަޒްލީން ފޮނުވާލި ބާރު ހަމަލާ ހުއްޓުވަން އިދިކޮޅު ކީޕަރަށް މާ ބޮޑު މަސަތްކަތެއް ނުކުރެވުނެވެ.

މެޗްގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން އާރުޑީ ކުރީގައި އޮވެ އެވެ.


މެޗުގެ
ނަތީޖާ ކަންމަތިން ދެވަނަ ހާފުގައި އަނބުރާލި އިރު އެ ޓީމުގެ ފުރަތަމަ ގޯލް ޖެހީ އަސްރާރު އަލީ އެވެ. އިދިކޮޅު ހާފުގެ މެދެއްހާ ހިސާބުން އަސްރާރު ފޮނުވާލި ބޯޅަ ގޯލަށް ވަނީ އާރުޑީގެ ކީޕަރު އަތުގަ ޖެހިފައެވެ. ކަންމަތިން ޖެހި ދެވަނަ ގޯލް ދެވަނަ ހާފުގެ 9 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) އެވެ. ކަންމަތީގެ ރިފްޝާން ރަޝީދު ތަނަވަސްކޮށްދިން ފުރުސަތުގައި އޮންލީ އިދިކޮޅު ގޯލް ފޫއަޅުވާލީ ފަސޭހަކަމާއެކު އެވެ.

އޮންލީ ކަންމައްޗަށް މެޗްގެ ނަތީޖާ އެއްވަރު ކޮށްދިންތާ މާގިނަ އިރެއް ނުވަނީސް އެ ޓީމްގެ ތަރި އަޔާޒް އަހުމަދު (އަޔާ) ވަނީ ހިލޭ ޖެހުމަކުން އާރުޑީގެ ގޯލް ފޫއަޅުވާލައި މެޗްގައި ފުރަތަމަ ފަހަރަށް ކަންމައްޗަށް ލީޑް ހޯދައިދީފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކަންމަތީގެ ޖާޒީ ނަންބަރު 06 ހުސެއިން ޝަރީފް (އޮންލީ) އެވެ.


ކަންމަތިން
ވަނީ މުބާރާތުގައި އެ ޓީމް މިހާތަނަށް ކުޅުނު 2 މެޗް ވެސް ކާމިޔާބުކޮށްފަ އެވެ. ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު އެ ޓީމް އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް އެފްސީ އެސްޕާޑާ އަށް ވެސް 6 ޕޮއިންޓް ލިބިފައިވީ ނަމަވެސް ކަންމައްޗަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

މުބާރާތުގައި ކަންމަތި ކުޅޭ ތިން ވަނަ މެޗުގައި އެ ޓީމް ނުކުންނާނީ ބޮއްކުރާ އާއި ދެކޮޅަށެވެ. މި މެޗް ކުޅޭނީ މާދަމާ ހަވީރު 17:00 ގަ އެވެ. އަނެއްކޮޅުން އާރުޑީ ސްޕޯޓްސް ކްލަބު ދެން ވާދަކުރާނީ އެފްސީ އެސްޕާޑާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގަ އެވެ.

ލިބޭ ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރަކީ ލިބޭ އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އޮންލައިނެވެ.

ކިޔުންތެރިންގެ ހިޔާލު