އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް"ގެ ސެމީ ފައިނަލުގައި ވިއެޓްނާމުގެ ގުޔެން ގުއެންގް ހައި އާއި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ގެ ކުރިމަތިލުމަށް ވޯޓުލުމުގެ ވަގުތު ކުޑަތަންވަމުންދާ އިރު ގާތްގަނޑަކަށް ނުވަ އިންސައްތައިގެ ފަރަގަކާއި އެކު ކުރީގައި އޮތީ އަޝްފާގެވެ.

ވޯޓުލުމުގެ ސުންގަޑިއަކީ މިއަދު މެންދުރުފަހު 13:00 އެވެ.

އަޝްފާގް ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ވިއެޓްނާމުގެ ގުޔެން ވެން ގުޔެޓް މައްޗަށް ކުރިހޯދައިގެންނެވެ. ކުއާޓާ ފައިނަލާއި ހިލާފަށް ސެމީފައިނަލުގައި ގިނަވަގުތު ކުރީގައި އޮންނަނީ އަޝްފާގެވެ.

ނަމަވެސް ކުއާޓާ އެކޭ އެއްފަދައިން ސެމީގައިވެސް ވިއެޓްނާމް ކުޅުންތެރިއާއަށް ވޯޓު ހޯދައިދޭން ވިއެޓްނާމްގެ އެފްއޭގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އެގައުމުގެ ގައުމީ ޓީވީއިންވެސް ދަނީ ގުއެންގް ހައިއަށް ކެމްޕޭން ކޮށްދެމުންނެވެ.

އާބާދީ ބޮޑު ވިއެޓްނާމްގެ ކުޅުންތެރިއަކު ވޯޓުން ބަލިކޮށް ސެމީގައިވެސް ވިއެޓްނާމް ކުޅުންތެރިއަކާއި ވާދަކުރަން ޖެހުމުން އެގައުމުން ތައްޔާރުވާނެ ކަމަށް ބަލާ ރާއްޖޭގައިވެސް ވަނީ އަޝްފާގަށް ވޯޓު ހޯދައިދިނުމަށް ވަރަށް ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ.

އެގޮތުން އަޝްފާގަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގް"ގެ ނަމުގައި ކޮމިއުނިޓީ ވައިބާ ގްރޫޕެއްވެސް ވަނީ ހުޅުވާފައެވެ.

އަަޝްފާގަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން " އޭއެފްސީގެ ވެބްސައިޓް " މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދަގަނޑޭއަށް ވޯޓު ހޯދާދިނުމަށް ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ދަނީ ފޯރިއާއެކު ކެމްޕޭންވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން ފޭދޫ

    ފައިނަލްގައި ސަރުކާރުންވެސް މިކަމަށް އެއްބާރުލުން ދޭންވީ. ސަރުކާރު ހުރިހާ މުއައްސަސާއެއްގެ ކޮމްޕިއުޓަރެއްގެ ކައިރީ ތިބޭއެންމެން ވޯޓްލާންވީ. މީކީ މިހާރު ހަމައެކަނި ދަނގަޑޭގެ ކަމެއްނޫން. މުޅިގައުމުގެ ކަމެއް.