އިޓާލިއަން ލީގުުގައި ރޭ ކަގްލިއާރީ އަތުން ޔުވެންޓަސް މޮޅުވި މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނިގެންދިޔަ މޮޅުކުޅުމަށް އެޓީމުގެ ކޯޗް ޕިރްލޯ ތައުރީފުކޮށްފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ 0-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުވެންޓަސްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ރޮނާލްޑޯއެވެ. މެޗުގައި ރޮނާލްޑޯ ޖެހި ދެލަނޑުވެސް އޭނާ ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޕިރްލޯ ބުނީ ރޮނާލްޑޯ އަކީ އޭނާ ކުޅޭ ޓީމެއްގެ އެހެން ހުރިހާ ކުޅުންތެރިންނަށްވެސް ނަމޫނާ ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ އުފެދުމުގައިވެސް ހުނަރުން ފުރިފައިވާ އިންސާނެއް ކަމަށެވެ.

އަދި ދަނޑުމަތީގައި ރޮނާލްޑޯ ނެތްނަމަ އޭނާ ކުޅޭ ކޮންމެ ޓީމަކަށްވެސް އެކަމުގެ އުނިކަން އިހުސާސުވާނެކަމަށްވެސް ޕިރްލޯ ވަނީ ބުނެފައެވެ. މީގެއިތުރުން ޕިރްލޯ ބުނީ ރޮނާލްޑޯއަށް ދޭން ބޭނުންވަނީ އެންމެ ނަސޭހަތެއް ކަމަށާއި އެއީ އެގޮތުގައި ފުޓުބޯޅަ ކުޅުމުގައި ދެމިހުރުން ކަމަށެވެ.

މެޗުގައި ރޮނާލްޑޯ ޖެހި ދެލަނޑާއި އެކު މިސީޒަނުގައި އޭނާ ވަނީ އެޓީމަށް ކުޅެދިން ހަމެޗުން 8 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިމެޗުގައި ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް އިތުރު ލަނޑުތަކެއް ކާމިޔާބުކުރުމަށް ޓީމުގެ އެހެން ކުޅުންތެރިންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއްވެސް ތަނަވަސްކޮށްދީފައެވެ. އެހެންނަމަވެސް މިފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ޔުވެންޓަސްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އެޓީމު އޮތީ އިޓާލިއަން ލީގުގެ ޕޮއިންޓް ތާވަލުގެ ދެވަނައިގައި ކުޅުނު އަށް މެޗުން 16 ޕޮއިންޓް ހޯދައިގެނެވެ. އެޓީމަށް ކުރިއަށް އޮތީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޗްގައި ފެރެންކްވަރޮސްއާއި ދެކޮޅަށް ކުޅޭ މެޗެވެ.