ވާދަވެރި ކުރިމަތިލުމަކަށްފަހު ސްޕެނިޝް ލަލީގާގައި ރޭ އެތްލެޓިކޯ މެޑްރިޑުން ބާސެލޯނާގެ މައްޗަށް ކުރިހޯދައިފިއެވެ.

ލީގުގެ ގަދަ ދެބާރުކަމަށްވާ އެތްލެޓިކޯ އާއި ބާސާގެ ކުރިމަތިލުން ނިމުނީ 0-1 އިން އެތްލެޓިކޯ ކުރިހޯދައިގެނެވެ. މިއީ އެތްލެޓިކޯގެ ކޯޗުކަމާއި ޑިއޭގޯ ސިމިއޯން އެތްލެޓިކޯގެ ކޯޗުކަމާއި ހަވާލުވިފަހުން އެޓީމު ލަލީގާގައި ބާސެލޯނާ އަތުން މޮޅުވި ފުރަތަމަ ފަހަރެވެ،

އެލެޓިކޯ މެޑްރިޑުގެ މެޓްރޮޕޮލިޓާނޯ ދަނޑުގައި ކުޅުނު މިމެޗުގައި އެތްލެޓިކޯއިން ޖެހި ހަމައެކަނި ލަނޑަކީ ބާސާގެ ތަޖުރިބާކާރު ގޯލްކީޕަރު ޓަރ ސްޓާޖެންއަށް ހެދުނު ގޯހެެއްގެ ފައިދާ ނަގައިގެން އެޓީމުން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކަރަސްކޯއެވެ.

މިއީ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެތައް ދުވަހަކު ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ސްޓާޖަން ބާސާގެ ގޯލާއި ހަވާލުވި ތިންވަނަ މެޗެވެ. ސްޓާޖަން އަށް މެޗުގައި ހެދުނު ގޯހުން ބާސާ ޓީމަށް އަރައިގަނެވިފައި ނުވާއިރު މިއީ މިސީޒަނުގައި ލަލީގާގައި އެޓީމުން ބަލިވި ތިންވަނަ މެޗެވެ.

މީގެއިތުރުން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އާއި ވިލަރެއާލްގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ރެއާލް މެޑްރިޑެވެ. މިލަނޑު އެޓީމަށް ފުރަތަމަ ހާފުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަރިއާނޯ ޑިއާޒްއެވެ. އެހެންނަމަވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށް ވިލަރެއާލްއަށް ކުޅެމުން އަންނަ ސްޕެއިން ފޯވާޑް ޖެރާޑް މޮރެނޯއެވެ. މިއީ ލިބުނު ޕެނަލްޓީއެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މިނަތީޖާތަކާއި އެކު ޕޮއިންޓް ތާވަލުގައި އެތްލެޓިކޯއަށް ކުޅުނު އަށް މެޗުން ލިބުނު 20 ޕޮއިންޓާއެކު ލިބެނީ ދެވަނައެވެ. އެއްވަނައިގައި އެއްމެޗު އިތުރަށް ކުޅެ 20 ޕޮއިންޓް ލިބިގެން އޮތީ ރެއާލް ސޮސައިޑެޑެވެ. ސޮސައިޑެޑަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ރެއާލްއަށް ތާވަލުގެ ހަތަރުވަނަ 17 ޕޮއިންޓާއެކު ލިބިފައިވާއިރު ވިލަރެއާލްއަށް ތިންވަނަ ލިބެނީ އިތުރަށް އެއްމެޗު ކުޅެ ލިބުނު 19 ޕޮއިންޓާއެކުއެވެ. ބާސާއަށް ކުޅުނު އަށް މެޗުން ލިބުނު 11 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ ދިހަވަނައެވެ.