ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް އެހެންޓީމަކަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތައް ދޮގުކޮށް އޭނާ ޔުވެންޓަސްގައި މަޑުކުރާނެ ކަމަށް ޔުވެންޓަސްގެ ޗީފް ފުޓްބޯލް އޮފިސަރ ފަބިއޯ ޕަރަޓީޗީ ބުނެފިއެވެ.

ބޭރުގެ ކުޅިވަރު މީޑިއާތަކާއި ވާހަކަދައްކަމުން ޕަރަޓީޗީ ބުނީ ރޮނާލްޑޯގެ ޓްރާންސްފަރ އާއި ގުޅުވައިގެން ޔޫރަޕުގެ މުއްސަނދި ބޮޑެތި ކްލަބް ތަކަކަށް އޭނާ ބަދަލުވާން އުޅޭ ވާހަކަތައް އަޑުއިވޭ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ބުރަދަނެއްނެތް ބޭކާރު ވާހަކަތަކަކަށް ސަމާލުކަންދޭން ބޭނުންނުވާ ކަމަށާއި ޔުވެންޓަސް އަދި ރޮނާލްޑޯގެ ސަޕޯޓަރުންނަށްވެސް އޭނާ ޔުވެންޓަސްގައި މަޑުކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށްވެސް ޕަރަޓީޗީ ވަނީ ބުނެފައެވެ.

ޔުވެންޓަސްއަށް ބަދަލުވިފަހުން ރޮނާލްޑޯ ވަނީ ޖެހިޖެހިގެން ދެއަހަރުވެސް އެޓީމާއެކު އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ. އަދި އެޓީމާއެކު ކާމިޔާބު ދެސީޒަން ހޭދަކޮށްފައިވާއިރު 94 މެޗުން 71 ލަނޑު އޭނާވަނީ އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

ޕަރަޓީޗީ މިހެން ބުނިކަމުގައި ވީނަމަވެސް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮވިޑް-19ގެ ސަބަބުން ޔުވެންޓަސްގެ މާލީ ހާލަތު ދައްވުމާއިއެކު އެޓީމުން ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމުމާއި ގުޅިގެން ރޮނާލްޑޯ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ދަނޑިވަޅުގެ ފައިދާނަގާ އޭނާގެ ކުރީގެ ކްލަބް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްވަނީ ރޮނާލްޑޯ އާއިއެކު އަނބުރާ ރެއާލްއަށް އައުމަށް މަޝްވަރާތަށް ކުރަން ބޭނުންވާކަން ވެސް ހާމަކޮށްފައެވެ.

އަދި ގަތަރުގެ އަމީރުގެ ކްލަބް ޕީއެސްޖީއިންވެސް ވަނީ ރޮނާލްޑޯ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

35 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ ރެއާލް މެޑްރިޑުގައި ހުރުމަށްފަހު 2018 ވަނަ އަހަރު 100 މިލިއަން ޔޫރޯގެ ބޮޑު ޓްރާންސްފަރ ފީއެއްގައެވެ.