ސްޕޯޓްސް އާބިޓްރޭޝަން ޕެނަލް އުފެއްދުމަށް މަތިކޮށްފައިވާ ފަރާތްތަކުން އެކަން ޤާނޫނުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންގޮސް، އެކަމާއި ގުޅުންހުރި ޤަވާއިދުތަކާއި އުސޫލުތައް ވީ އެންމެ އަވަހަކަށް ހެދުމުގެ މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީން މި ނިންމުން ފާސްކޮށްފައިވަނީ އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ހުށަހެއްޅުވި ކުއްލި މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައެވެ.

ސްޕޯޓްސް އާބިޓްރޭޝަން ޕެނަލްއެއް އުފެއްދުމަކީ ކުޅިވަރު ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އެކުލަވާލަން ބަޔާންކޮށްފައިވާ ކަމެކެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް މި ޕެނަލް އުފައްދާފައިނުވެއެވެ. މިކަމާއި ގުޅިގެން ކުޅިވަރު ގިނަ އެސޯސިއޭޝަންތަކެއް ދަނީ އުފެއްދުން އަވަސްކުރުމަށް ގޮވާލަމުންނެވެ. ކުޅިވަރު މައިދާނުގައި އުފެދޭ މައްސަލަތަކާއި ހިޔާލު ތަފާތުވުންތައް ކުޑަކުރުމަށްޓަކައި އާބިޓްރޭޝަން އުފެެއްދުމަކީ ކުޅިވަރުގައި އުފެދޭ ހިޔާލުތަފާތުވުންތައް ކުޑަކުރުމަށް އެޅިގެންދާ ބޮޑު ބިންގަލެކެވެ.

އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ އަކީ، ރާއްޖޭގައ ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތައް، އެސޯސިއޭޝަން އަދި ފެޑްރޭޝަންތައް ރެގިއުލޭޓްކޮށް ފާރަވެރިވުމަށާއި ކުޅިވަރުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ކަމާ ބެހޭ ފަރާތްތަކުން އެކުލަވާނުލާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށް ދެއްކި ވާހަކަތަކުން އޮލިމްޕިކް ޗާރޓާއާއި ހިލާފު ގިނަ ކަންކަން ހިމެނޭކަން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަސަން ލަތީފުވެސް ދަނީ ކުޅިވަރު ޤާނޫނަށް އިސްލާހު ހުށައެޅުއްވުމަށް މަސައްކަތްކުރަމުންނެވެ. މި އިސްލާހުތަކާއި ދެކޮޅަށް ކުޅިވަރު އާއިލާގެ ގިނަބަޔަކު ވަނީ ތެދުވެފައެވެ.