ށ.ފުނަދޫގައި ހުންނަ އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ މިއަހަރުގެ ކައުންސިލް ކަޕްގެ ކުޅުން ފަށައިފިއެވެ.

މި މުބާރާތުގައި ފުނަދޫގެ 5 އޮފީހަކުން ޖުމްލަ 11 ޓީމް ވާދަކުރާއިރު، އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޒަންގެ އިތުރުން އަންހެން ޑިވިޒަން ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފިރިހެންބައި ގައި ހަ ޓީމް އަދި އަންހެންބައިގައި ފަސް ޓީމް ވާދަކުރެއެވެ.

ފުނަދޫ އިޖްތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފުލުހުންގެ ދެ ޓީމެވެ. އެއީ ޕޮލިސް ޓީމާއި، ޔުނައިޓެޑް ޕޮލިސް އެފްސީއެވެ. މި މެޗް ޕޮލިސް ޓީމު ކާމިޔާބުކުރީ 12-2 ގެ ނަތީޖާއަކުނ ނެވެ. މި މެޗްގައި ޕޮލިސް ޓީމުން ގިނަ އިރު ބޯޅަ ގެންގުޅުނު ނަމަވެސް، ޔުނައިޓެޑް ޕޮލިސް ޓީމުގެ ފަރާތުންވެސް ވަނީ ހިތްގައިމު ކުޅުމެއް ފެނިފައެވެ. ނަމަވެސް، ޕޮލިސް ޓީމުގައި ތިބި ކުޅުންތެރިންގެ ހުނަރާއި، ތަޖުރިބާ ބޭނުންކޮށް، އެ ޓީމުން ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ.

ދެވަަނަ މެޗަކީ އަންހެން ޑިވިޜަންގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރީ ޕޮލިސް ލޭޑީސް އާއި ފުނަފަތި (އެސް.އާރް.ސީ) އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗް 7-2 އިން ކާމިޔާބުކުރީ ޕޮލިސް ލޭޑީސްގެ ޓީމެވެ.

މުބާރާތުގެ އަންހެން ޑީވިޝަނުގައި ކުޅުނު މެޗެއްގެ ތެރެއިން

ލީގު އުސޫލަށް ކުޅޭ މި މުބާރާތުގައި މާދަމާއަށް ވެސް މެޗުތަކެއް ވަނީ ތާވަލު ކުރެވިފައެވެ. މިގޮތުން، ފިރިހެން ޑިވިޜަނުގައި ހޮސްޕިޓަލާއި ދުވެލި (އެސް.އާރް.ސީ) ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންހެން ޑިވިޜަނުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ އެއާޕޯޓާއި ހޮސްޕިޓަލެވެ.