ގއ.ކަނޑުހުޅުދޫގައި ކުރިއަށްދާ ލިބޭ ފުޓްސަލް މުބާރާތުގައި ކަންމަތި ސްޕޯޓްސް ކްލަބުން ކުޅުނު ތިންވަނަ މެޗު ވެސް ކާމިޔާބުކޮށް ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލައިފި އެވެ.

ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގައި ބޮއްކުރާ އާއި ދެކޮޅަށް ކުޅުނު މެޗް ކަންމަތި ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ 4-2 އިންނެވެ. މެޗްގައި ކަންމަތިން ޖެހި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލް ކާމިޔާބުކުރީ ރިފްޝާން ރަޝީދު (ރުއްޕޭ) އެވެ. ކަންމައްޗަށް ދެން މި މެޗްގައި ގޯލް ޖަހައިދިނީ އަސްރާރު އަލީ އެވެ.

މެޗްގައި ބޮއްކުރާ އިން ޖެހި ގޯލްތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްހާގު ރަޝީދު އާއި އަހުމަދު ރިފްޝާނެވެ.


މިއަދުގެ
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކަންމަތި ޓީމްގެ ރިފްޝާން ރަޝީދު (ރުއްޕޭ) އެވެ.

ކަންމަތިން ވަނީ މުބާރާތުގައި އެ ޓީމް މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފަ އެވެ. ތިން މެޗުން ލިބުނު 09 ޕޮއިންޓާއެކު އެ ޓީމް ތާވަލުގެ އެއްވަނައިގައި އޮތް އިރު ދެވަނައިގައި އޮތް އެފްސީ އެސްޕާޑާ އަށް ލިބިފައިވަނީ ދެ މެޗުން 06 ޕޮއިންޓެވެ. މިއަދުގެ މެޗުން ބަލިވި ބޮއްކުރާ އަށް އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ.

މުބާރާތުގައި ކަންމަތި ކުޅޭ ހަތަރު ވަނަ މެޗުގައި އެ ޓީމް ނުކުންނާނީ އެސްޕާޑާ އާއި ދެކޮޅަށެވެ. މި މެޗް ކުޅޭނީ މާދަމާ ރޭ 21:30 ގަ އެވެ. އަނެއްކޮޅުން ބޮއްކުރާ ދެން ވާދަކުރާނީ ގެމަނަފުށި ސްޕޯޓްސް ކްލަބާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގަ އެވެ.

ލިބޭ ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރަކީ ލިބޭ އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އޮންލައިނެވެ.