ފްރާންސްގެ ޕީއެސްޖީގައި އެޓީމުގެ އެންމެ މުހިންމު ދެކުޅުންތެރިން ކަމުގައިވާ ބްރެޒިލްގެ ތަރި ނޭމާއާއި ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއާއިއެކު އެއްޓީމެއްގައި ކުޅެލަން ލިބުމަކީ ޝަރަފެއްކަމަށް ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ ބުނެފިއެވެ.

ފްރާންސްގެ ކުޅިވަރު މީޑިއާއަކާއި ވާހަކަދައްކަމުން އިކާޑީ ބުނީ ފުރަތަމަ އެގާރައިން ޖާގަނުލިބުމުން ނުވަތަ ކުޅެން ލިބޭ ވަގުތު މަދުވުމަކުން ޓީމުގައި ގަވައިދުން ކުޅުމުގެ ފުރުސަތުލިބޭ ކުޅުންތެރިންނާއިމެދު ހަސަދަވެރި ނުވާކަމަށެވެ. އަދި ނޭމާ އާއި އެމްބާޕޭއަކީ ދުނިޔޭގެ އެންމެ މޮޅު 5 ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންތަކެއް ކަމަށާއި އެކުޅުންތެރިންނާއި އެއްޓީމަކަށް ކުޅެލަން ލިބުމަކީވެސް ބަޔާންކުރަން ދަތި ޝަރަފެއް ކަމަށެވެ. އަދި މިކުޅުންތެރިން ކުޅޭ ކޮންމެ މެޗެއްގައި އެކަން ސާބިތުކޮށްދެމުންދާ ކަމަށްވެސް އިކާޑީ ވަނީ ބުނެފައެވެ.

މީގެ އިތުރުން އިކާޑީ ބުނީ މިފަދަ ކުޅުންތެރިން ތަކަކާއިއެކު ޕީއެސްޖީއަކީ މިވަގުތު ދުނިޔޭގައި އޮތްއެންމެ މޮޅު އެއްޓީމުކަމަށް ގަބޫލްކުރާ ކަމަށާއި މިސީޒަނުގެ ފްރެންޗެ ލީގްގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުވެސް އެޓީމުން ހޯދާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނުކުރާކަމަށެވެ.

ގިނަ އަދަދެއްގެ ތަރިންތަކެއް ޕީއެސްޖީގެ ފޯވާޑް ލައިނުގައި ތިބުމާއިއެކު އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަހޯދުމަށް ކޮންމެ ކުޅުންތެރިއަކަށްވެސް ވަނީ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ. މިގޮތުން އިކާޑީއަށްވެސް ގިނަ މެޗުތަކެއްގައި ޓީމުން ފުރުސަތު ލިބެނީ އެމްބާޕޭ ނުވަތަ ނޭމާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ ހާލަތެއްގައި އެކަންޏެވެ.

ޕީއެސްޖީގެ ސްކޮޑާއި ބެހޭގޮތުން ވާހަކަދައްކަމުން އިކާޑީ ބުނީ ކެރިއަރުގައި އެހެން ޓީމުތަކުގެ ސްކޮޑްތައް ފެނިފައިވާ ކަމަށާއި އެހެންނަމަވެސް މިހާ ވަރުގަދަ "ވޯލްޑް ކްލާސް" ސްކޮޑަކާއި މިދިމާވީ އަދި އަލަށް ކަމަށެވެ.

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއި ދާއިމީ ޓްރާންސްފަރ ޑީލްއެއްގައި އިކާޑީ ގުޅުނީ މިއަހަރުއެވެ. އޭނާގެ ޓްރާންސްފަރ ފީއެއްގެ ގޮތުގައި ޕީއެސްޖީއިން އިންޓަރ މިލާނަށް 50 މިލިއަން ޔޫރޯ ދީފައިވެއެވެ.