ޕްރިމިއަ ލީގުގައި ރޭ ލެސްޓަ ސިޓީ އަތުން ހޯދި ފަސޭހަ މޮޅާއެކު ލިވަޕޫލްއިން ޕްރިމިއަ ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ 4 އަހަރު ފުރިހަމަކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑު އެންފީލްޑްގައި 0-3 އިން ލެސްޓަގެ މައްޗަށް ކުރި ހޯދާ ލިވަޕޫލް ވަނީ ޕްރިމިއަ ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ 64 މެޗު ހަމަކޮށްފައެވެ.

ލިވަޕޫލް އަމިއްލަ ދަނޑުގައި އެންމެ ފަހުން ބަލިވެފައިވަނީ 2017 ވަނަ އަހަރު ކްރިސްޓިއަން ބެންޓެކޭ ކާމިޔާބުކުރި ދެލަނޑާއެކު ލިވަޕޫލް އަތުން ކްރިސްޓަލް ޕެލެސް މޮޅުވި މެޗުގައެވެ.

މޮޅު ކުޅުމެއް ލިވަޕޫލްގެ ފަރާތުން ފެނިގެންދިޔަ މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑަކީ ލިވަޕޫލްއަށް ލިބުން ކޯނަރެއް ލެސްޓަގެ ޖޮނީ އެވަންސް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ބޯޅަ ވައްދާލައިގެން ލިވަޕޫލަށް ކާމިޔާބުކުރެވުން ލަނޑެކެވެ.

ލިވަޕޫލުން ވަނީ މިމެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލެސްޓަގެ ގޯލާއި އަމާޒުކޮށް 24 ހަމަލާއެއް އެޓީމުން ވަނީ ފޮނުވާލައިފައެވެ.

މެޗުގައި ލިވަޕޫލުން ލީޑް ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޭގޯ ޖޯޓާއެވެ. އަދި އެ ޓީމުން މެޗުގައި ޖެހި ފަހު ލަނޑު މެޗުގެ ފުރިހަމަ ވަގުތު ވާން ހަ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނިއޯއެވެ.

މުޅި މެޗު ކޮންޓްރޯލް ކުރަމުންދިޔަ ލިވަޕޫލް އިން މެޗާއި ކުރިމަތިލީ އެޓީމުގެ މުހިންމު ކުޅުންތެރިންތަކަކާއި ނުލައެވެ. އެގޮތުން އަނިޔާގަ ހުރި ވެންޑައިކާއި ކޮވިޑަށް ފައްސިވެ ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ މުހައްމަދު ސަލާހަށްވެސް މެޗުގައި ކުޅެވިފައެއް ނުވެއެވެ.

މެޗުން މޮޅުވެ ޕޮއިންޓް ތާވްލްގެ އެއްވަނައިގައި އޮތް ޓޮޓެންހަމް އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ލިވަޕޫލަށް ލިބެނީ ތާވަލުގެ ދެވަނައެވެ. ޓޮޓެންހަމްއަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ. މެޗުން ބަލިވި ލެސްޓަރ އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ ލިވަޕޫލް އިން މިހަފްތާގައި އަދި ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާއި ދެކޮޅަށް ނުކުންނާނެއެވެ. މިމެޗު ކުޅޭނީ މިހަފްތާގެ ބުރާސްފަތި ދުވަހު 01:00 ގައެވެ.